އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ޣައިދު ދުސްތޫރީ އަމަލެއް ކަމަށާއި އެމަގާމަކީ ސިޔާސީ ލީޑަރުން ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަގާމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކޮށް، ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މިއަދުގެ ބައްދަލުވުމުގައި ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޑރ. ޖަމީލު ވިދާޅުވި ގޮތުގައި، މިއަދު ރާއްޖޭގެ ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން 1932 ގައި ގާނޫނުއަސާސީގެ ވެރިކަން ފެށުނުއިރަށް ވުރެ ގޯހެވެ. އަދި އުއްތަމަ ފަނޑިޔާރަކީ ސިޔާސީ ލީޑަރުން ބޭނުންވީމައި ލަފުގައި ހިފައި އެއްލައިލެވޭ މަގާމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ތިޔައީ މުޅި ޣައިރު ދުސްތޫރީ އަމަލެއް. ތިޔަ އިލޮށިގަނޑު އަދި ލޮލަށް ހެރޭނެ،" ޑރ. ޖަމީލު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ 18 ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނައިރު، ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމުންތައް ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ސަސްޕެންޑުކުރީ އުއްތަމަ ފަޑިޔާރާ ގުޅޭގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު، ފަނޑިޔާރުކަމުން ވަކިކުރަން ނިންމި ސަބަބެއް ކަމަށް ޖޭއެސްސީން ބުނީ، އެމަނިކުފާނާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާތީ ކަމަށެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވެސް ސަސްޕެންޑުކޮށް، ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މިއަދު ނިންމިއެވެ.
އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރުމުން، ސުޕްރީމު ކޯޓު ހިންގުން މިހާރު ހަވާލުކޮށްފައިވަނީ ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވީ، ސުޕްރީމު ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއެވެ.