ޚަބަރު

ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު އަރީފާ ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ސްޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ އަރީފާ ހަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބޭއްވި އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައި އެގޮތައް ނިންމެވީ އުއްތަމަ ފަނޑިޔާރު ޑރ، އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާ ގުޅިގެން މިއަދުން ފެށިގެން 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރު ކުރުމަށް ނިންމުމާ ގުޅިގެންނެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވެސް ޖޭއެސްސީން މިއަދު ވަނީ ނިންމައިފައެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވެސް ސަސްޕެންޑުކޮށް، ފަނޑިޔާރުކަމުން ވަކިކުރުމަށް ވެސް މަޖިލީހަށް ހުށަހަޅަން ނިންމިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމި ނިންމުންތައް ހާމަކޮށް ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ސަސްޕެންޑްކުރީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށެވެ.

ދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން ނިންމި ސަބަބެއް ކަމަށް ޖޭއެސްސީން ބުނީ، ދެބޭފުޅުންނާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާތީ ކަމަށެވެ.

ސްޕްރީމް ކޯޓު ހިންގުން އަބްދުﷲ އަރީފާ ހަވާލުކޮށްފައިވާއިރު އޭނާ މިއަދު ވަނީ ޖޭއެސްސީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ބަޔާން ކުރައްވާފައިވަނީ ސިއްހީ ހާލަތު ތަން ނުދިނުމާއި މަސައްކަތް ބުރަވުމާއި އެ ނޫން ވެސް އަމިއްލަ ފުޅު ބައެއް ސަބަބުތަކެވެ.