ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗް އާއި އޭޑީކޭ ފާރމަސޫޓިކަލް ގުޅިގެން ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ.
އައިޖީއެމްއެޗް އިން އިސްނަގައިގެން މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާއެވެ. ކޮންމެ އަހަރަކުވެސް ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހަކީ ނޮވެންބަރު 14 ވަނަ ދުވަހެވެ.
މި ދުވަސް ފާހަގަކުރުމަށް މާލޭގެ ނޯތު ހާބަރުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގައި ހަކުރު ބައްޔަށް ހިލޭ ސްކްރީން ކުރުމަށް ސްކްރީނިން ކޭމްޕުތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސައޮފައެވެ. މި ކޭމްޕުތައް ކުރިއަށްގެންދިއުމަަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ.
ހަކުރު ބައްޔަށް ހިލޭ ސްކްރީން ކުރެވުމުގެ އިތުރުން މި ކޭމްޕުގައި ހިލޭ ހަކުރު ޗެކްކުރުމާއި ބްލަޑް ޕްރެޝަރު ބެލުމާއި އިސްކޮޅު އަދި ބަރުދަން ބެލުމަށްވެސް ވަނީ ހަމަޖައްސައިފައެވެ. އަދި ހަކުރުބައްޔާ ގުޅޭ އެކި މައުލޫމާތު އާންމުންނާ ހިއްސާކުރާނެ ކަމަށް އޭޑީކޭ އިން ބުނެއެވެ. އެގޮތުން ބަލީގެ އަލާމާތްތަކާއި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން އަދި ބައްޔަށް ފަރުވާކުރަމުން އަންނަ އިރު، މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް އޭޑީކޭ އިން މައުލޫމާތުދެއެވެ.
މި ކޭމްޕުގެ އިތުރުންވެސް މާލޭގެ އެކި ސަރަހައްދުތަކުން މި ބައްޔާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް އޭޑީކޭއިން މައުލޫމާތު ދެއެވެ.
ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގާ މި ހަރަކާތްތަކުގައި އައިޖީއެމްއެޗް އާއި އޭޑީކޭ ފާރމަސޫޓިކަލްއާއެކު އެސްޓީއޯ އިން ބައިވެރިވާނެއެވެ.