ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޢައްޔަން ކުރައްވާ ހަތް ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ.
ޕީސީބީ ބޯޑުގައި މިހާރު ތިއްބެވި މެންބަރުން ވަކިކޮށް އަލުން އެބޯޑް އެކުލަވައިލަން މަޖިލީހުން ފާސްކޮށްފައިވަނީ އޮގަސްޓްމަހުގެ ހަތްވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އެގޮތަށް ފާސްކުރީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ މިންވަރު ބަލައި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓަށް، ގެނައި އިސްލާހާއެކު އެ ރިޕޯޓް ފާސް ކޮށްގެންނެވެ.
އެ ރިޕޯޓް މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 68 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޕީސީބީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށްގެންނާއެކު، އެ ކޮމިޓީން ބެލި ބެލުމުން ކޮމިޓީއަށް ފާހަގަކުރެވޭ 12 ކަމެއް ކޮމިޓީ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ:
1 . އަލްފާޟިލް ޙަސަން ވަޙީދު، ކުދިމާގެ، ގދ. ތިނަދޫ
2 . އަލްފާޟިލް ޢާޞިމް މުޙައްމަދު، ގ. މެޒަރިން
3 . އަލްފާޟިލާ ޢާއިޝަތު ޝާޒުލީ، މ. ސެވޯއީ
4 . އަލްފާޟިލާ ރުޝާހާ އަޙްމަދު ޝަރީފް، ހ. އޮއިސިސްވިޔޫ
5 . އަލްފާޟިލް ޢަލީ ޝަފީޢު، މ. ހުދުކަނީރުގެ
6 . އަލްއުސްތާޛު ޢަލީ ޝުޖާޢު، ފަހަލަ، ޅ. ހިންނަވަރު
7 . އަލްފާޟިލް އަޙްމަދު ޝަރީފް ޔޫސުފް، މ. ސަތާވަރީގެ
ރައީސުލްޖުމްހޫރިއްޔާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ހަތް ބޭފުޅަކު ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވަނީ ޤާނޫނު ނަންބަރު 2013/3 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.