ޖުޑީޝަލް ސާވިސް ކޮމިޝަން

ޖޭއެސްސީގެ ރައީސް އިސްތިއުފާދެއްވައިފި

މަރިޔަމް ޝަހުދާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް، ކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އިސްތިއުފާދެއްވައިފި އެވެ.

"ވަން އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ފަނޑިޔާރު އަރީފު ޖޭއެސްސީގެ ރައީސް ކަމުން އިސްތިއުފާދެއްވީ މިއަދުގެ ވަގުތެއްގަ އެވެ. އިސްތިއުފާދެއްވި ސަބަބެއް ކަމަށް ބަޔާން ކުރައްވާފައި ވަނީ ސިއްހީ ހާލު ތަން ނުދިނުމާއި މަސައްކަތް ބުރަވުމާއި އެ ނޫން ވެސް އަމިއްލަ ފުޅު ބައެއް ސަބަބުތަކެވެ.

ޖޭއެސްސީގެ ރައީސް ކަމުން ފަނޑިޔާރު އަރީފް މިއަދު އިސްތިއުފާ ދެއްވި އިރު، މިދިޔަ އޮކްޓޫބަރު މަހު ތެރޭ ޖޭއެސްސީ އިން ވަނީ ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިޔާރަކާއެކު ފަނޑިޔާރު އަރީފް އަށް ނަސޭހަތް ދޭން ނިންމާފައެވެ. ނަމަވެސް ޖޭއެސްސީ އިން އެ ތިން ފަނޑިޔާރުންނަށް ނަސޭހަތްދީފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަން އާންމުކޮށްފައެއް ނުވެއެވެ.

ފަނޑިޔާރު އަރީފް ޖޭއެސްސީގެ ރައީސް ކަމަށް އައްޔަންކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުއެވެ. ޖޭއެސްސީގެ ރައީސްގެ މަގާމަށް އެ ކޮމިޝަންގެ ބައްދަލުވުމެއްގައި ފަނޑިޔާރު އަރީފް އިންތިހާބު ކޮށްފައިވަނީ އޭރު ޖޭއެސްސީގައި ތިބި މެމްބަރުންގެ ތެރެއިން އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރު އަރީފް އެމަގާމަށް އައްޔަން ކޮށްފައިވަނީ އޭގެ ކުރިން އެމަގާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަދަލުގައެވެ.