އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ފުއާދު ތައުފީގް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އީސީއަށް ފުއާދު އައްޔަން ކުރަން ރުހުން ދިނުމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަސްލާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ.
ފުއާދު އައްޔަން ކުރަން ރުހުން ލިބުމަށް ބޭނުންވާ ވަރަށް ވޯޓު ހަމަވުމުން އެހެން ނަމަކަށް ވޯޓަކަށް އަހާފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވިއެވެ.
އެ ނަންތައް ދިރާސާ ކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފޮނުވާފައިވާ ރިޕޯޓުގައި ރައީސް ފޮނުއްވި ހަތަރު ބޭފުޅުންގެ ތެރެއިން، ހަސަން ނާޒިމް، ހ. ގާޑެނިޔާ، ގެ ނަން ވަނީ އުނިކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު މިމަހުގެ 24 ވަނަ ދުވަހަށް ހަމަވާނެތީއެވެ.