ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯއަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރެއް މޮރިކޯއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި މޮރޮކޯގެ ފޮރިން މިނިސްޓަރު ނަސާ ބޮރިޓާ އާއި މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތުދެއެވެ. އަދި ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން މިހާރަށް ވުރެ ރަނގަޅު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން މައުލޫމާތުދެއެވެ. މި ބައްދަލުވުމުގައި މޮރޮކޯ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖައްސާފައެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މޮރޮކޯއަށް ކުރައްވާ މި ދަތުރުގައި ރާއްޖޭއާއި މޮރޮކޯއާއި ދެމެދުވެވޭ އެއްބަސްވުންތަކެއްގައި މިނިސްޓަރު ސޮއިކުރައްވާނެ ކަމަށެވެ. ނަމަވެސް ސޮއި ކުރައްވަން ހަމަޖައްސާފައިވަނީ ކޮންކަމަކާ ގުޅުން ހުރި އެއްބަސްވުންތަކެއްކަމާއި، އެއީ ކިތައް އެއްބަސްވުން ކަމެއް ފޮރިން މިނިސްޓްރީ ހާމައެއް ނުކުރެއެވެ.
މި ދަތުރުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ.ހުސެއިން ނިޔާޒު، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާން އަދި އެ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މޫމިނާ އިބްރާހީމް މޮރޮކޯއަށް ވަޑައިގަންނަވާނެއެވެ.