ޚަބަރު

ޕޭޝަންޓަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތު ކުރި ފިޒިއޮތެރަޕިސްޓު ސަސްޕެންޑުކޮށްފި

މަރިޔަމް ޝަހުދާ

އަންހެން ޕޭޝަންޓަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތު ކުރި އައިޖީއެމްއެޗް ފިޒިއޮތެރަޕީ ޑިޕާޓްމަންޓްގެ ފިޒިއޮތެރަޕިސްޓު ސަސްޕެންޑުކޮށްފި އެވެ.

މިދިޔަ މަހުގެ ނުވަވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މި މައްސަލައާއި ގުޅިގެން ''ވަން އޮންލައިން'' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ފިޒިއޮތެރަޕިސްޓު ސަސްޕެންޑުކޮށްފައިވަނީ މައްސަލައިގެ ތަހުގީގު ނިމެންދެން ކަމަށެވެ.

މީގެ އިތުރުން ހުށަހަޅާފައިވާ މައްސަލައަކީ ރޭޕް ކުރަން އުޅުނުކަމުގެ ތުހުމަތުގެ މައްސަލައެއް ނޫން ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް މި މައްސަލައަކީ ބަދުއަހުލާގީ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތު ކުރާ މައްސަލައެއް ކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

މި މައްސަލައިގެ ތުހުމަތު ކޮށްފައިވަނީ އައިޖީއެމްއެޗް ފިޒިއޮތެރަޕީ ޑިޕާޓްމަންޓްގައި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ 28 އަހަރުގެ އިންޑިއާ ފިރިހެނަކަށެވެ. މި މީހާ ބަދު އަހުލާގީ އަމަލެއް ހިންގަންމަސައްކަތް ކުރީ 19 އަހަަރުގެ އަންހެން ޕޭޝަންޓަކާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

''ވަން'' އަށް އިއްޔެ މި މައްސަލައާއި ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.