ބަޔަކު ކިތަންމެ ކަންބޮޑުވިޔަސް 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބޭފުޅަކު ނެރޭނެ ކަމަށް އެޕާޓީގެ ލީޑަރު ގާސިމު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓިއަށް މެމްބަރުންތަކެއް ސޮއިކުރުމަށް އެޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ވެރިކަމަށް ކުރިމަތިލާ ވާހަކަ ބުނުމުން ބައެއް ބޭފުޅުންނަށް ވަރަށް ކަންބޮޑުވާ ކަމަށެވެ. ނަމަވެސް އަދި ނެރޭނެ ބޭފުޅަކު ކަނޑައަޅާފައިނުވާ ކަމަށާއި އެބޭފުޅަކު ކަނޑައަޅާނީ ޖުމްހޫރީ ޕާޓީގެ އާންމު މެމްބަރުން ކަމަށެވެ.
"މި ޕާޓީން ރައީސުލްޖުމްހުރިއްޔާ ކަމަށް ނުނިކުންނާނެކަން އެންގެންޏާ މިތާ އުޅޭނީ ކޮންބެއްތޯ؟ މި ޕާޓީ، ޕާޓީއަކަށް ހަދަނީ ކިހިނެއްތޯ؟ ތިޔަ ބޭފުޅުންނަކީ ކުޅޭކުޅޭ ބައެއް ނޫންހޭ އެންނޫންތޯ ބުނަން މި ޖެހެނީ. އެގޮތައް ކުޅޭކުޅޭ ބަޔަކަށް ވެގެން ކަމަކު ނުދާނެ." ގާސިމު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީން ވެރިކަމަށް އަންނާނީ ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައިދޭންކަން ފާހަގަކުރައްވާ ގާސިމު އިތުރަށް ވިދާޅުވީ، ވެރިކަން ނުލިބުމަކީ އެކަމަކުން ދެރަވެ ރޯނެ ކަމެއް ނޫން ވެސް ނޫން ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުތަކުން އޭނާއަށް މާބޮޑު ފައިދާއެއް ނުލިބޭ ކަމަށާއި ލިބިފައިވަނީ ގެއްލުމާއި ނިކަމެތިކަން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ގެއަށް މާބޮޑު މަންފާއެއް ލިބޭތީއެއް ނޫން. އަޅުގަނޑަަށް ވަރަށްބޮޑު ގެއްލުމާއި ނިކަމެތިކަން ކޮންމެ ފަހަރަކު ވެސް ލިބެމުން އަންނަނީ. އަދި މިހާތަނަށް މިސަރުކާރަށް އެއް އަހަރު ވެގެން ދިޔަ އިރު އެކަހަލަ ނިކަމެތިކަމެއް ދީފަ އަދި ނެތް. ނަމަވެސް މާދަމާ ކަންވާނެގޮތެއް ނޭނގެ. އެއީ ފަރުދާގެ އަނެއް ފަރާތް," ކަމަށްވެސް ގާސިމުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.