ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާ މެޗުގައި ވެސް ވިއްކުމަށް ހަމަޖެހިފައިވަނީ 3000 ޓިކެޓު ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރާ މެޗުގެ ޓިކެޓު މިއަދު ހަވީރު އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުން ވަނީ ވިއްކަން ފަށައިފައެވެ. ކުރިއަށްއޮތް މެޗަށް ވިއްކާ ޓިކެޓުގައި ސީޓު ނަމްބަރު ހިމެނެއެވެ. ދަނޑުގެ ހުރިހާ ގޮނޑިއެއްގައި މިހާރު ވަނީ ސީޓު ނަމްބަރު ވެސް ޖަހައިފައެވެ. އެހެންކަމުން ދަނޑަށް ވަދެ، ސަޕޯޓަރުން އިށީންނަން ޖެހޭނީ ޓިކެޓުގައި ހިމެނޭ ނަމްބަރު ހިމެނޭ ސީޓުގައެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށް ވެސް ގިނަ ބަޔަކު ކިޔޫގައި ޖެހުނެވެ. ނަމަވެސް ދަނޑުގެ ސަރަހައްދެއް ބަންދުކޮށްފައިވުމުން އެ މެޗަށް ވެސް ވިއްކާފައިވަނީ މަދު ޓިކެޓެކެވެ. އަމިއްލަ ދަނޑުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ދަނޑުގައި ބޭނުންކުރުން ހުއްޓާލުމަށް އަންގާފައިވާ ސަރަހައްދުގެ ބައެއް ބޭނުންކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް އެފްއޭއެމް އިން މަސައްކަތްކުރި ނަމަވެސް އެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ލިބިފައެއް ނުވެއެވެ.
އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ގައުމީ ޓީމާއެކު ސަޕޯޓަރުން ތިބިކަން ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް އިހުސާސްވާން ޖެހޭނެ ކަމަށާއި މެޗަށް 3000 ސަޕޯޓަރުންނަށް ވަދެވުނު ނަމަވެސް، އެމީހުން ހަތަރު ލައްކަ މީހުންގެ އަޑު އިއްވަން ޖެހޭނެ ކަމަށެވެ. އަދި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް، ކޮންމެ ސިކުންތަކު އެނބުރުނު ކަމުގައިވިޔަސް، ޓީމާއެކު ސަޕޯޓަރުން ތިބެން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެންމެ ފަހުން ޗައިނާ މެޗު ބަލައިލަން އަޅުގަނޑު ދިޔަ އިރު، އަޅުގަނޑު ހީކުރީ ޗައިނާގައި އިނދެވުނީ ކަމަށް. އެހެންވެގެން ނުވާނެ. މިފަހަރު އަޅުގަނޑުމެން ޓިކެޓު އެލޮކޭޓްވެފައި ތިބޭ އިރުވެސް އަޅުގަނޑުމެންގެ މަޖީދީމަގު ސިޑިބަރި އޮންނާނީ ދިވެހި ސަޕޯޓަރުންނަށް. އަޅުގަނޑުމެންގެ ދަނޑަށް ވަންނަ ފަރާތްތަކަށް ވަރަށް ލިމިޓެޑް ސީޓްސް މިހުރީ. ގާތްގަނޑަކަށް 3000 އެއްހާ ސަޕޯޓަރުންނަށް މުޅި ދިވެހިރާއްޖެއިން މި ވަދެވެނީ. އެހެންވީމާ އެ 3000 މީހުން ނެރެން ޖެހޭނެ ހަތަރު ލައްކަ މީހުންގެ އަޑު،" މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ ބުރާސްފަތި ދުވަހު ހަވީރު 4:00ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒު ރާއްޖެއިން ހިފާފައިވާ އިރު، އެ ދެ މެޗުން މޮޅުވުން މުހިންމު ކަމަށް އެފްއޭއެމް އިން ބުނެއެވެ.
ކޮލިފައިންގެ "ގްރޫޕު އޭ"ގައި ރާއްޖެ އޮތީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޗައިނާއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރާއްޖޭގެ ކުރީގައި އޮތް ފިލިޕީންސަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.
ރާއްޖެއިން ފިލިޕީންސާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކޭމްޕު ކޮށްފައިވަނީ މެލޭޝިއާގައެވެ.