ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް)ގެ ޅެމާއެކު ގައުމީ ޓީމުގެ އާ ލަވަ ލޯންޗުކޮށްފިއެވެ.
އެ ލަވަ ލޯންޗުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހު ރާއްޖެ އާއި ފިލިޕީންސް ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުގެ ޓިކެޓު ވިއްކަން ފެށުމުގެ ކުރިން އެފްއޭއެމް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ލަވަ ލޯންޗުކޮށްދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ލަވައިގެ ޅެމުގައި ހިމެނެނީ ޗޭންޖިން ރޫމުގައި ޓީމުން ދައްކާ ހުރިހާ ވާހަކައެއް ކަމަށެވެ.
"މިއީ އަމިއްލަ ރާގެއް. 24 ގަޑިއިރުގެ ތެރޭގައި ތައްޔާރުކުރެވުނު ލަވައެއް. ކުޅުންތެރިޔާ ނިދަން އޮންނަ ގަޑީގައި ވެސް އެ ލަވަ ޖަހާލާ އިރު މޯޓިވޭޓް ވާނެ. ސަޕޯޓަރުން އެކަކު އަނެކަކަށް ހިތްވަރު ދޭން ވެސް އެ ލަވަ ޖަހާލީމަ ރަނގަޅުވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ ބުރާސްފަތި ދުވަހު ހަވީރު 4:00ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒު ރާއްޖެއިން ހިފާފައިވާ އިރު، އެ ދެ މެޗުން މޮޅުވުން މުހިންމު ކަމަށް އެފްއޭއެމް އިން ބުނެއެވެ.
ކޮލިފައިންގެ "ގްރޫޕު އޭ"ގައި ރާއްޖެ އޮތީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޗައިނާއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރާއްޖޭގެ ކުރީގައި އޮތް ފިލިޕީންސަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.
ރާއްޖެއިން ފިލިޕީންސާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކޭމްޕު ކޮށްފައިވަނީ މެލޭޝިއާގައެވެ.