ޚަބަރު

ފަނޑިޔާރު އާދަމަށް ރޮޒެއިނާ: މި ވެރިކަމާއި މަޖިލިސް ގެނައީ ފަނޑިޔާރުގެ ހަމަޔަކަށް އަޅުވަންކަން ހަނދާން ބަހައްޓާތި!

އާނިފާ ހުސެއިން ސިރާޖް

1

ރައްޔިތުން މި ވެރިކަމާއި މަޖިލިސް ގެނައީ ފަނޑިޔާރުގެ ހަމަޔަކަށް އަޅުވަން ކަމަށާއި އެކަން ހަނދާން ބެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިފަދައިން ވިދާޅުވީ ޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ސުލޫކީ މައްސަލައިގެ މިއަދުގެ ތަހުގީގީ އަޑުއެހުމަށް ހާޒިރުވެ ވަޑައިނުގެންނެވީ އެއީ ބާތިލު އަމުރަކަށް ވުމުން ކަމަށް ސުޕްރީމު ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި މިއޮތް ހުރިހާ ދުވަހު ހިތުހުރި ގޮތަކަށް ހުކުމް ކުރަމުން ދިޔަ އިރު އެހެން މީހުންގެ ހައްގުތައް ކޮބައިތޯ ވަނީ ސުވާލު ކުރައްވާފައެވެ.

ރޮޒެއިނާ ވިދާޅުވީ ފަނޑިޔާރު އާދަމް މުހައްމަދަށް "ހައްގު" ކިޔާ އެއްޗެއް އޮންނަކަން އެނގުނީ އަމިއްލަ ނަފްސާ ޖެހުނީމަ ކަމަށެވެ.

ޝަރީއަތަށް ހާޒިރުވުމަށް ފޮނުވީ ބާތިލި އަމުރެއް ކަމަށް ބުނެ ފަނޑިޔާރު އާދަމްގެ މުހައްމަދުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖޭއެސްސީން ބަލަން ނިންމި މައްސަލަތަކުގެ ގޮތުގައި އެ ކޮމިޝަނުގެ ނޯޓިސްގައިވާ 15 ކަންތަކަށް ބަލާއިރު، އެ ހުރިހާ ކަންތައްތަކެއް ވެސް ނިސްބަތްކޮށްފައިވަނީ ގާނޫނުއަސާސީ އާއި ކަމާބެހޭ ގާނޫނުތަކުގެ ދަށުން ސުޕްރީމު ކޯޓަށް ލިބިދީފައިވާ ބާރުތަކާއި އިހުތިޔާރު ތަކާއި އިހުތިސާސްތަކުގެ ދަށުން ކަމުން، އެ މައްސަލަތަކަކީ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ކަމުގައި ފަނޑިޔާރު އާދަމް މުހައްމަދު ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މައްސަލައިގައި ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ހުށަހެޅުއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ވެސް އަސާސީ ހައްގުން ގަސްދުގައި މަހުރޫމު ކުރުން ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން މިހާރު ބަލަމުން އަންނަ އިރު، ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.

އެ ހަތަރު ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ 18 މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފުގެ 14 މައްސަލައަކާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ 16 މައްސަލައެއްގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ ތިން މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟