ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދާ ފިޒިއޮތެރަޕިސްޓަކު އެތަނަށް ހިދުމަތް ހޯދަންދިޔަ އަންހެން ޕޭޝަންޓަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ބަލަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ 28 އަހަރުގެ އިންޑިއާ ފިރިހެނަކު އެ ހޮސްޕިޓަލަށް ދިޔަ 19 އަހަރުގެ އަންހެން ކުއްޖަކާ މެދު ބަދު އަހުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް ކަމަށެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހުގެ 18:00 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލާ ސުވާލުކޮށްލުމުން "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެފަދަ ކަމެއް ހިނގިކަން ކުރިން އެނގިފައި ނުވާ ކަމަށާއި މައްސަލަ އެފަރާތުގެ ސަމާލުކަމަށްވެސް އައިސްފައިވަނީ މިއަދު މީޑިއާއިން ސުވާލުކުރުމުން ކަމަށެވެ.