ޚަބަރު

ޖޭއެސްސީގެ އަޑުއެހުމަށް ހާޒިރުވާން ފޮނުވީ ބާތިލު އަމުރެއް: ފަނޑިޔާރު އާދަމް މުހައްމަދު

އާނިފާ ހުސެއިން ސިރާޖް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުން އަންނަ ސުލޫކީ މައްސަލައިގެ މިއަދުގެ ތަހުގީގީ އަޑުއެހުމަށް ހާޒިރުވެ ވަޑައިނުގެންނެވީ އެއީ ބާތިލު އަމުރަކަށް ވުމުން ކަމަށް ސުޕްރީމު ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަ ސުލޫކީ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ވަޑައިގެންނެވުމަށް ފަނޑިޔާރު އާދަމް މުހައްމަދު އުޒުރުވެރިވެ ވަޑައިގަތުމުން އަޑުއެހުން ވަނީ ކެންސަލުކޮށްފައެވެ. އާންމުކޮށް ހުޅުވާލައިގެން އެ އަޑުއެހުން ބާއްވަން އޮތީ މިއަދު މެންދުރުފަހު 3:00ގައެވެ.

މިކަމާ ގުޅިގެން ފަނޑިޔާރު އާދަމްގެ ފަރާތުން ސްޕްރީމު ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖޭއެސްސީން ބަލަން ނިންމި މައްސަލަތަކުގެ ގޮތުގައި އެ ކޮމިޝަނުގެ ނޯޓިސްގައިވާ 15 ކަންތަކަށް ބަލާއިރު، އެ ހުރިހާ ކަންތައްތަކެއް ވެސް ނިސްބަތްކޮށްފައިވަނީ ގާނޫނުއަސާސީ އާއި ކަމާބެހޭ ގާނޫނުތަކުގެ ދަށުން ސުޕްރީމު ކޯޓަށް ލިބިދީފައިވާ ބާރުތަކާއި އިހްތިޔާރު ތަކާއި އިހުތިސާސްތަކުގެ ދަށުން ކަމުން، އެ މައްސަލަތަކަކީ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ކަމުގައި ފަނޑިޔާރު އާދަމް މުހައްމަދު ދެކިވަޑައިނުގަންނަވާ ކަމަށެވެ.

އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ނޯޓިސްގައި ބަޔާންކޮށްފައިވާ މައްސަލަތައް ތަހުގީގުކުރުމުގެ ނަމުގައި ފޮނުވާފައިވާ ތަހުގީގަށް ހާޒިރުވުމުގެ އަމުރަކީ އޭގެ ޒާތުގައި ބާތިލު އަމުރެއްކަމުގައި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ދެކެވަޑައިގަންނަވާތީ އާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 64 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެއްވެސް ފަރާތަކުންކުރާ ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވުމަކީ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއްކަމުގައިވާތީ، ޖޭއެސްސީގެ ތަހުގީގަށް ހާޒިރުވުމުގެ އަމުރުގައި ބަޔާންކޮށްފައިވާ ތަހުގީގަށް ހާޒިރުވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މައްސަލައިގައި ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ހުށަހެޅުއްވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ވެސް އަސާސީ ހައްގުން ގަސްދުގައި މަހުރޫމު ކުރުން ކަމަށެވެ.

"ކޮމިޓީގެ އެ ނިންމުމަކީ ގާނޫނީ އެއްވެސް އަސާސެއްނެތި ގާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ހައްގުން ގަސްދުގައި މަހުރޫމު ކުރުމަށް ނިންމާފައިވާ ތައައްސުފީ ނިންމުމެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭ،" ފަނޑިޔާރު އާދަމްގެ ފަރާތުން ސްޕްރީމު ކޯޓުން ނެރުނު ބަޔާނުގައިވެއެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގައި އޭނާގެ ވަކީލެއްގެ ގޮތުން ޑރ. ޖަމީލު ބަލައި ނުގަތުމަށް ޖޭއެސްސީން ނިންމި ސަބަބެއް ކަމަށް ޖޭއެސްސީން މީގެ ކުރިން ބުނެފައިވަނީ، އެއީ މިހާރު ސުޕްރީމު ކޯޓުން ބަލަމުން އަންނަ ޑރ. ޖަމީލު ނައިބު ރައީސް ކަމުން ވަކިކުރި ގޮތާއި ގުޅޭ ދުސްތޫރީ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު ހިމެނި ވަޑައިގަންނަވާތީ ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް ފަނޑިޔާރު އާދަމް ހާޒިރުވެ ވަޑައިގެންފައިނުވާއިރު، މިދިޔަ ހޯމަ ދުވަހު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ޖޭއެސްސީން ތާވަލުކުރިއެވެ. ނަމަވެސް އެ އަޑުއެހުން މިއަދަށް ފަސް ކުރީ ފަނޑިޔާރު ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުންނެވެ. އެދުވަހު ބާއްވަން އޮތް އަޑުއެހުމަކީ ފަނޑިޔާރު އާދަމް މުހައްމަދަށް ގާނޫނީ ވަކީލަކު ހަމަޖައްސަން ފަހު ފުރުސަތު ދިނުމަށްފަހު ބާއްވަން ތާވަލު ކުރި އަޑުއެހުމެވެ.