ދައްކާ ވާހަކައިގެ މަފްހޫމު އޮޅުވާނުލައި ރާއްޖޭގެ ޖުޑިޝަރީގައި ހުރި މައްސަލަތައް ހައްލުކުރަންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ޝައިހް އިލްޔާސް މިއަދު ކުރެއްވި ޓުވީޓެއްގައި އެފަދައިން ވިދާޅުވެ، އިސްލާމީ ޝަރީއަތާ ބީރައްޓެހި ބަޔަކު ޖުޑިޝަރީގެ ދާއިރާއަށް ގެނައުމަކީ، އެ ދާއިރާ އިސްލާހު ކުރުންތޯ ވަނީ ސުވާލު އުފައްދަވައިފައެވެ. އަދި ޝަރީއަތާ ބީރައްޓެހި ނޫންބަޔަކު އިހުތިޔާރުކުރައްވާ ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން މަސައްކަތް ކުރެއްވުމަށް އިލްޔާސްގެ ޓުވީޓުގައި ގޮވާލެއްވިއެވެ.
އިލްޔާސް މިހެން ވިދާޅުވެފައިވާއިރު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގެއް ކުރުމަށްފަހު ފޮނުވާފައިވާ ރިޕޯޓަށް ޖަވާބުދާރީ ވުމަކީ ކޮށްގެން ހުންނެވި ގާނޫނީ ހުވަޔާ ހިލާފު ކަމެއް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިއަދު ވަނީ ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ 15 މައްސަލައެއް ބެލުމަށްފަހު އެމަނިކުފާނަށް ފޮނުވި ރިޕޯޓާ ހަވާލުވެ ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަން ވިދާޅުވެ އެމަނިކުފާނު ޖޭއެސްސީއަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ އެ ތަހުގީގަކީ ބާތިލު އިޖުރާއަތްތަކެއްގެ މައްޗަށް ބިނާކޮށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށާއި އެ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭ ގާނޫނީ އަސާސެއް ނޯންނާނެ ކަމަށެވެ. އަދި ޖޭއެސްސީން ހިންގާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އިޖުރާއާތުތަކަށް ތަބާވުމަކީ އެ އިޖުރާއާތްތަކުގައި ހަގީގަތާ ހިލާފަށް ގާނޫނީ ކުލަ ޖެއްސުމަށް އެހީތެރިވެ، ގާނޫނީ ބުރަދަން ދިނުން ކަމުގައި ނޫނީ ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ބާތިލު ކަމެއްގެ މައްޗަށް ތަރުތީބު ވެގެން އަންނަ ކޮންމެ ކަމަކީވެސް، ބާތިލުކަމެއް ކަމުގައި ބުނާ ގާއިދާގެ މައްޗަށް ރިއާޔަތްކޮށް ބަލާއިރު، ޖޭއެސްސީގެ ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭނެ އެއްވެސް ގާނޫނީ އަސާސެއް ނޯންނާނެކަން ޖޭއެސްސީއަށް ހަނދުމަކޮށް އަރުވާކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން މިހާރު ވެސް ބަލަމުން އަންނައިރު، ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.