އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ބަލަމުން އަންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފިއެވެ.
އިނގިރޭސި ބަހުން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ހަތަރު ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ 18 މައްސަލައަކާއި، ފަނޑިޔާރު އަބްދުﷲ އަރީފުގެ 14 މައްސަލައަކާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ 16 މައްސަލައެއްގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދުގެ ތިން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ޖޭއެސްސީން ބުނީ އެ މައްސަލަ ތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން، ވެރިކަން ހިންގުމުގެ ބާރުގެ މަސައްކަތްތަކަށް ހުރަސް އެޅިކަމަށް އެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ހިމެނޭ ކަމަށެެވެ.
މީގެ އިތުރުން ދަށު ކޯޓުތަކާއި، އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ޖޭއެސްސީން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމުމުގެ މައްސަލަތަކެއް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ޖޭއެސްއީން ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރަކާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ހުށަހެޅިއްޖެ ނަމަ މަޑުޖެހުމެއްނެތި އެ މައްސަލައެއް ތަހުގީގު ކުރާނެ ކަމަށެވެ.