ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން އަންނަ ސުލޫކީ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް ވަޑައިގެންނެވުމަށް ފަނޑިޔާރު އާދަމް މުހައްމަދު އުޒުރުވެރިވެވަޑައިގަތުމުން އަޑުއެހުން ކެންސަލްކޮށްފިއެވެ.
އާންމުކޮށް ހުޅުވާލައިގެން މިއަދު މެންދުރުފަހު 3:00ގައި ބޭއްވުމަށް ހަމަޖައްސާފައިވާ މި އަޑުއެހުން ކެންސަލްކުރިންކަމަށް ވިދާޅުވީ ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީނެވެ. މިއަދު މި މައްސަލައިގެ އަޑުއެހުން ކެންސަލް ކުރި އިރު، މިދިޔަ ހޯމަ ދުވަހުވެސް މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ޖޭއެސްސީން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެ އަޑުއެހުން މިއަދަށް ފަސް ކުރީ ފަނޑިޔާރު ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާތީ އެވެ.
އެދުވަހު ބާއްވަން އޮތް އަޑުއެހުމަކީ ފަނޑިޔާރު އާދަމް މުހައްމަދަށް ގާނޫނީ ވަކީލަކު ހަމަޖައްސަން ފަހު ފުރުސަތު ދިނުމަށްފަހު ބާއްވަން ތާވަލު ކުރި އަޑުއެހުމެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުމެއް ފުރަތަމަ ބޭއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގަތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދެވެ.
ނަމަވެސް މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީން ނިންމީ ޖަމީލު ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެއްގެ ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު އާދަމް ހިމެނިވަޑައިގަންނަވާއިރު އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމުން، އެ މައްސަލައިގެ ހަސްމަކު ފަނޑިޔާރު އާދަމްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.
ވަކީލަކު ހަމަޖެއްސުމުގެ ފަހު ފުރުސަތެއް ފަނޑިޔާރު އާދަމް މުހައްމަދަށް ދޭން ޖޭއެސްސީން ނިންމީ، މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދެވަނަ ވަކީލެއްގެ ގޮތުގައި ހަމަޖެއްސި މާޖިދު ވަޑައިނުގަތުމާއި ގުޅިގެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށް އެދިވަޑައިގަތުމުންނެވެ.