އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދިރިއުޅުއްވާ ގެކޮޅަށް ދިޔައީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މުވައްޒަފެއް ކަމަށާއި އެ މުވައްޒަފު އެނާގެ ނަން ދަންނަވައި، އައިޑީކާޑު ވެސް ދެއްކި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ޖޭއެސްސީން އެހެން ބުނީ، އެ ކޮމިޝަންގެ ލިޔުމެއް ހަވާލުކުރުމަށް ކަމަށް ބުނެ ގޮތް ނޭނގޭ މީހަކު އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ވަންނަން މަސައްކަތް ކުރިކަމަށް ސުޕްރީމް ކޯޓުގެ އޮފިޝަލަކާ ހަވާލާދެއްވާ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ހަބަރަކާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައެވެ.
ޖޭއެސްސީން ބުނީ، އެ ކޮމިޝަނުން ބަލަމުންގެންދާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައަކާ ގުޅިގެން ތަހުގީގު ކޮމިޓީއަށް ހާޒިރުވުމަށް އެމަނިކުފާނަށް ހަވާލުކުރަންޖެހޭ ނޯޓިހެއް އެ ކޮމިޝަންގެ މުވައްޒަފެއް އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް އެނޯޓިސް ހަވާލުކުރުމަށް މިއަދު މަސައްކަތް ކުރި ކަމަށެވެ.
އެގޮތުން އެ މުވައްޒަފު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ގޮސް، އެނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން، މުވައްޒަފާ މުހާތަބުކުރައްވައި، ތިޔައީ ކޮންފަރާތެއްތޯ އެއްސެވުމުން، އެ މުވައްޒަފުގެ ނަން އުއްތަމަ ފަނޑިޔާރަށް ދަންނަވައި، އައިޑެންޓިޓީ ކާޑު ދައްކައި، އޭނާއަކީ ޖޭއެސްސީގެ ލިޔުމެއް ހަވާލުކުރުމަށް ފޮނުވި މުވައްޒަފެއްކަމަށް ދެންނެވި ކަމަށެވެ.
"އެގޮތަށް މުވައްޒަފު ދެންނެވުމުން، ނޯޓިހާ ހަވާލުވެވަޑައިނުގެން އުއްތަމަ ފަނޑިޔާރު ވަނީ ގެކޮޅަށް ވެންނެވުމަށްފަހު ދޮރު ލައްޕަވާފައެވެ،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
ޖޭއެސްސީން އިތުރަށް ބުނީ، އުއްތަމަ ފަނޑިޔާރު މިފަދައިން އަމަލު ކުރެއްވުމުން އެކޮމިޝަނުން ބަލަމުންދާ ސުޕްރީމު ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލާގައި ތަހުގީގު ކޮމިޓީއަށް ހާޒިރުކުރުމަށްޓަކައި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ އިމާރާތުގައި ދިރިއުޅުއްވާ ފަނޑިޔާރަކާ ނޯޓިސް ހަވާލުކުރަން މަސައްކަތް ކުރުމުން، އެފަނޑިޔާރު ނޯޓިހާ ހަވާލުވެފައިވާ ކަމަށެވެ.