ޝަހީދާ އަބްދުﷲ ސައީދު
އިންސާނާގެ ބުއްދި ހަމަޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ކަމާބެހޭ ފަރާތްތަކުން ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝައިޚު ޒައިދު މިއަދު މިފަދަ މޭރުމަކުން ޓުވީޓު ކުރައްވާފައިވަނީ ކީރިތި ރަސޫލާ މ.ސ.ޢ.ވ އަށާއި، އިސްލާމް ދީނަށް ފުރައްސާރަކުރުމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މުރުތައްދުވެފައިވާ ކަމަށް ކަނޑައަޅާފައިވާ އާއިޝަތު ވެލެޒިނީ ހައްޔަރު ކުރުމުން އޭނާއަކީ ނަފްސާނީ ބަލި މީހެއްކަމަށް ބުނެ ބައެއް ފަރަތްތަކުން ވާހަކަދައްކަމުންދާ ދަނޑިވަޅެއްގަ އެވެ.
ޝައިޚު ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެންނެވުނު އެއްޗެއް ދަންނަވާފައި ވާނީ ފެނުނު މަންޒަރާއި، އިވުނު އަޑަށް ކަމަށެވެ. އަދި ޝައްކެއް ނެތް މިންވަރަށް ދެއްކި ވާހަކަތައް ސާބިތުވާތީ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ބުއްދި ހަމަޖެހޭތޯ ނޫންތޯ އެކަން ނިންމާނީ ކަމާބެހޭ ފަރާތްތަކުން ކަމަށް ވިދާޅުވިއެވެ. ޓުވީޓުގައި އިތުރަށް ވިދާޅުވި ބުއްދި ހަމަނުޖެހޭ މީހެއްކަމަށް މުޅިން ސާބިތު ނުވާކަމަށެވެ.
ޝައިޚު ޒައިދު މިގޮތަށް މިއަދު ޓުއީޓް ކުރައްވާފައިވާ އިރު އިއްޔެ ވެލެޒިނީ ރާއްޖެ އައުމުންވެސް ޝައިޚު ވަނީ މުރުތައްދުވެފައިވާ މީހުން ހައްޔަރުކޮށް ވިސްނަ ދެވޭތޯ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ޓުއީޓް ކުރައްވާފައެވެ. އަދި ރޭގެ ވަގުތެއްގައި ވަނީ މެންޓަލް މީހުން ތިބެން ވާނީ މެންޓަލް ކެއާ ގައި ފަރުވާ ދޭން ކަމަށާއި ދީނަށް ފުރައްސާރަ ކުރާއިރަށް މެންޓަލް ކިޔާ އެކްސްކިއުޒް ބަލައި ނުގަނެވޭނެ ކަމަށް ޓުއީޓް ކުރައްވާފައެވެ.
ޝައިޚު ޒައިދު މިފަދައިން ޓުވީޓު ކުރެއްވި އިރު ވެލެޒިނީ ހައްޔަރުކުރުމުން ބައެއް ފަރާތްތަކުން ދަނީ އޭނާއަކީ ނަފްސާނީ ބަލި މީހެއް ކަމަށް ބުނެ އޭނާ ދޫކޮށްލުމަށް ގޮވާލަމުންނެވެ.