ޚަބަރު

އެއާ ބެލޫނެއް ފަޅައިގެން ގޮސް ދެ މީހަކަށް އަނިޔާވެއްޖެ

ބޮޑެތި ބޯޓު ފަހަރު އެހެލައި ބާލަން ބޭނުންކުރާ ބޮޑު އެއާ ބެލޫނެއް ފަޅައިގެން ގޮސް ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ތިލަފުށީގައި ހިނގި އެ ހާދިސާގެ ރިޕޯޓު މިއަދު ހަވީރު 5:21ގައި ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ ބަންގުލަދޭޝްގެ ދެ މީހަކަށް ކަމަށާއި މެރިން ޕޮލިސްގެ އެހީތެރިކަމާއެކު އެ ދެ މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެ ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.