ވޯލްޑް ކޮޕް ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ކުޅޭ މެޗުގެ ޓިކެޓު ވިއްކަން މާދަމާ ފަށާނެ ކަމަށް ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމް އިން ބުނީ މާދަމާ ހަވީރު 4:00ގައި އެއް ނަމްބަރު ޓާފް ދަނޑުން ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޓިކެޓުގެ އިތުރުން ގައުމީ ޓީމުގެ ޖާޒީ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެފްއޭއެމް އިން މައުލޫމާތުދެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ މެޗުގެ ޓިކެޓު މާދަމާ ވިއްކުމަށް ހަމަޖެހިފައިވާ އިރު، މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގެ ޓިކެޓު ހަ ގަޑިއިރު ނަވަނީސް ވަނީ ވިކި ހުސްފައެވެ. ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތަކުގައި ރެނދުލާފައިވާތީ އެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އަންގާފައިވުމުން އެ މެޗަށް ވިއްކާފައިވަނީ 3500 ޓިކެޓެކެވެ.
ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ގައުމީ ފުޓުބޯޅަ ދަނޑަށް ވީހާވެސް ގިނަ ސަޕޯޓަރުން ވެއްދުމަށް މަސައްކަތްކުރާނެ ކަމަށާއި އެގޮތުން ދަނޑުގައި ބޭނުންކުރުން ހުއްޓާލުމަށް އަންގާފައިވާ ސަރަހައްދުގެ ބައެއް ބޭނުންކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ޔޫތު މިނިސްޓްރީއާ މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި އެކަން ހަމަޖައްސާނީ ސަޕޯޓަރުންގެ ސަލާމަތަށް ބަލައިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ ބުރާސްފަތި ދުވަހު ހަވީރު 4:00ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. އެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ. އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒު ރާއްޖެއިން ހިފާފައިވާ އިރު، އެ ދެ މެޗުން މޮޅުވުން މުހިންމު ކަމަށް އެފްއޭއެމް އިން ބުނެއެވެ.
ކޮލިފައިންގެ "ގްރޫޕު އޭ"ގައި ރާއްޖެ އޮތީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ. ރާއްޖެއިން މޮޅުވެފައިވަނީ ރަށުން ބޭރުގައި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ސީރިއާއަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޗައިނާއަށް ތިން މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ރާއްޖޭގެ ކުރީގައި އޮތް ފިލިޕީންސަށް ތިން މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފައެވެ.
ރާއްޖެއިން ފިލިޕީންސާއި ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކޭމްޕު ކޮށްފައިވަނީ މެލޭޝިއާގައެވެ.