ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުލޫކީ މައްސަލަ، މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.
ޖޭއެސްސީން ބުނީ، އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް ފަނޑިޔާރު އާދަމް މުހައްމަދު އެދިވަޑައިގެންފައިވާތީ، މާދަމާ މެންދުރުފަހު 3:00 ގައި ޕޯސްޓް ބިލްޑިންގެ ހަ ވަނަ ފަންގިފިލާގައި ހުންނަ ޖުޑީޝަލް ކޮމްޕުލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަންގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
އެ އަޑުއެހުމަށް ވަންނަން އާންމުން އަދި މީޑިއާތަކަށް ޖާގަ އޮތް މިންވަރަކުން ފުރުސަތު ދޭނެ ކަމަށާއި އެގޮތުން އަޑުއެހުމުގެ ގަޑި ޖެހުމުގެ 15 މިނެޓް ކުރިން އަޑުއެހުމަށް ވަޑައިގެންނެވުމަށް ޖޭއެސްސީން އެދެއެވެ. އަދި ވަޑައިގަންނަވާއިރު އެބޭފުޅެއްގެ އައިޑެންޓިފިކޭޝަން ކާޑު ގެނައުމަށް ވެސް އެ ކޮމިޝަނުންގެ ބަޔާނުގައިވެއެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވަން ހަމަޖައްސާފައި އޮތީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. ނަމަވެސް ފަނޑިޔާރު ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާތީ އަޑުއެހުން ފަސްކުރިއެވެ.
އެދުވަހު ބާއްވަން އޮތް އަޑުއެހުމަކީ ފަނޑިޔާރު އާދަމް މުހައްމަދަށް ގާނޫނީ ވަކީލަކު ހަމަޖައްސަން ފަހު ފުރުސަތު ދިނުމަށްފަހު ބާއްވަން ތާވަލު ކުރި އަޑުއެހުމެވެ.
ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ އަޑުއެހުމެއް ފުރަތަމަ ބޭއްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ފަނޑިޔާރު އާދަމުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވަޑައިގަތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޖުޑިޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދެވެ.
ނަމަވެސް މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީން ނިންމީ ޖަމީލު ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައެއްގެ ފަނޑިޔާރެއްގެ ގޮތުގައި ފަނޑިޔާރު އާދަމު ހިމެނިވަޑައިގަންނަވާއިރު އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމުން، އެ މައްސަލައިގެ ހަސްމަކު ފަނޑިޔާރު އާދަމުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ.
ވަކީލަކު ހަމަޖެއްސުމުގެ ފަހު ފުރުސަތެއް ފަނޑިޔާރު އާދަމް މުހައްމަދަށް ދޭން ޖޭއެސްސީން ނިންމީ، ފަނޑިޔާރުގެ ބަލަމުންދާ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދެވަނަ ވަކީލެއްގެ ގޮތުގައި ހަމަޖެއްސި މާޖިދު ވަޑައިނުގަތުމާއި ގުޅިގެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށް އެދިވަޑައިގަތުމުންނެވެ.