ސުޕްރީމް ކޯޓުގެ ސެކެޓަރީ ޖެނެރަލް ވަކި ކުރަން އުއްތަމަ ފަނޑީޔާރު އުޅުއްވި ކަމަށް ބުނެ ޖޭއެސްސީ އިން އެމައްސަލަ ބެލުމަށް ނިންމައިފިއެވެ.
މިކަމާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތަށް ހުރަސް އަޅުއްވައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ސެކްރެޓަރީ ޖެނެރަލް ޑރ.ހުސެއިން ފާއިޒް އަށް އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީ ދެއްވާކަމަށް ބަޔާންކޮށް ޖޭއެސްސީއަށް ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅިގެން އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ބެލުމަށް ކޮމިޝަނުން ނިންމާފައި ވާކަމަށެވެ.
އަދި އެގޮތަށް ޖޭއެސްސީން ނިންމާފައި ވަނިކޮށް މި ހަފްތާގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ.ހުސެއިން ފާއިޒް ވަޒީފާއިން ވަކި ކުރުމަށް މަސައްކަތް ކުރަމުންދާކަމުގެ މައުލޫމާތު ޖޭއެސްސީއަށް ލިބިފައިވާކަމަށެވެ. އެހެންކަމުން އެ މައްސަލަ ކޮމިޝަންގެ އަންނަ ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނަސްފައިވާ އިސްލާހާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގާނޫނު ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކަމާބެހޭ ފަރާތްތަކުން އެއްބާރުލުން ދިނުމަށާއި، ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އެޅޭގޮތަށް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް ވެސް ޖޭއެސްސީން ވަނީ އިލްތިމާސް ކޮށްފައެވެ.