ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއަހަރަކީ އަނިޔާވެރި ކުށްތައް އެންމެ މަދު އަހަރު، ގޭންގު ކުށްތަކުގައި މީހެއްގެ ފުރާނަ ގެއްލިފައެއް ނުވޭ: ރައީސް

މުހައްމަދު އައުޒަމް

މިއަހަރަކީ އަނިޔާވެރި ކުށްތައް އެންމެ މަދުން ހިނގި އަހަރު ކަމަށާއި ގޭންގު ކުށްތަކުގައި މީހެއްގެ ފުރާނަ ގެއްލިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި 51 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ހަ އަހަރުގެ ފުލުހުންގެ ރެކޯޑު ތަކަށް ބަލާއިރު އަނިޔާވެރި ކުށްތައް އެންމެ މަދުން ހިނގީ މިއަހަރު ކަމަށެވެ.

ރައީސް ވިދާޅުވީ ވޭތުވެދިޔަ ހަ އަހަރުތެރޭ ގޭންގު ކުށްތަކުގައި 21 މީހެއްގެ ފުރާނަ ގެއްލިފައި ވާއިރު މިއަހަރުގެ މިހާތަނަށް ގޭންގު ކުށްތަކުގައި ފުރާނައެއް ގެއްލިފައި ނުވާ ކަމަށެވެ. އަދި ގުރޫޕް މާރާމާރީވެސް %50 މަދުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މާލޭގެ މަގުތައް އަމާންކުރުމާއި ސުލްހަ ގާއިމްކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައި ވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވަނީ ގައުމުގެ ދާހިލީ ހަމަޖެހުން ގާއިމުކުރުމަށް ފުލުހުން ކުރާ މަސައްކަތަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.