ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ބޯލަބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި 51 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެހާ ކަންތައްތައް ތަރުތީބު ކުރެވި އިންތިޒާމުވެ ކުރެވިފައިވާނީ ރައްޔިތުން އެދޭ ފެންވަރަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަންވާނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ކަމަށާއި އަދި ފަނޑިޔާރުގޭގެ މަގްސަދަކަށް ވާންވާނީ އަދުލުވެރިކަމައެކު ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށް ކަމަށް ވިދާޅުވިއެވެ.
މި ދެންނެވި ހުރިހާ ކަމެއްގެ އުސޫލީ ހުރިހާ ހަމަތަކާއި މިންގަނޑުތައް ގާނޫނުއަސާސީގައި ކަޅާއި ހުދުން އެހެރީ ލިޔެ އެކުލަވާލެވިފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާސަތެއް ކަމުން ދިވެހި ދިދައިގެ ދަށުގައި އުޅޭ އެކަކަށް ވެސް ގާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައި ނޯންނާނެ ކަމަށެވެ.
"...ދިވެހި ދިދައިގެ ދަށުވެގެން އުޅޭ ހަމަ އެކަކުވެސް ގާނޫނުއަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑު ކަމަށް ވިޔަސް، ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިން ކަމުގައިވިޔަސް ގާނޫނުއަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ. އަދި ގާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑު މަސައްކަތް ކުރަމުން މިއަންނަނީ މިދެންނެވި ހަގީގަތް ގަބޫލުކޮށގްގެން ހުރެ ގާނޫނުއަސާސީ ނެގެހެއްޓުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމުގައި ދެކިގެން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިމަހުގެ 17 ވަނަ ދުވަހު މި ސަރުކާރަށް އެއް އަހަރު ފުރޭއިރު ރައްޔިތުން މި ސަރުކާރު އިންތިހާބު ކުރި ސަބަބާއި މި ސަރުކާރު އުފެދިގެން އައި ގޮތް އަބަދުވެސް ހަނދާން ބަހައްޓަންވާނެ ކަމަށެވެ. އަދި މި ސަރުކާރުން މަޝްރޫއުތައް ހިންގާ ހިދުމަތްތައް ދިނުމުގައި އެއްވެސް ރައްޔިތަކު ބާކީ ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން މި ސަރުކާރު ދެމި އޮންނާނީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރުމުގައިކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ސަރުކާރު ހިންގުމުގައި ހިޔާލާއި މަޝްވަރާ ދެއްވާ ކޯލިޝަންގެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އަދި ސަރުކާރުގެ ހޯމް މިނިސްޓަރު ޝައިހް އިމްރާނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.