ބައިނަލްއަގުވާމީ މުބާރާތްތަކުގައި މި ހަފުތާއަކީ ކާމިޔާބު ހަފުތާއެއް ކަމަށް ވިދާޅުވެ، ރާއްޖޭގެ އެތުލީޓުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ދެކުނު ކޮރެއާގައި ކުރިއަށްދާ ވޯލްޑް ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި މުހައްމަދު މޫސާ އާއި އަޒްނީން ރަޝާދު ހޯދި ދެ ލޯ މެޑެލް ހޯދުމުން އެ ދެ ބޮޑީބިލްޑަރުންނަށް މަރުހަބާ ދަންނަވާފައިވެއެވެ. އެ ކާމިޔާބަކީ ބޮޑީބިލްޑިންގައި ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބެވެ.
އޭގެ އިތުރުން ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ރަން މެޑަލް ހޯދުމުންނާއި އަންހެނުންގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ ރަން މެޑަލް ހޯދުމުން އެ ކުޅުންތެރިންނަށް ވެސް ރައީސް ސޯލިހު މަރުހަބާ ދެންނެވިއެވެ.
ޕާކިސްތާނުގައި ކުރިއަށްދާ ބެޑްމިންޓަން މުބާރާތުގެ އަންހެނުންގެ ސިންގަލްސް އިވެންޓާއި އަންހެނުންގެ ޑަބަލްސް އިވެންޓުން ރާއްޖެއިން ވަނީ ލޯ މެޑައްޔެއް ވެސް ހޯދައިފައެވެ. އަންހެނުންގެ ސިންގަލްސް އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިނީ ނީލާ ނަޖީބެވެ. އަދި އަންހެނުންގެ ޑަބަލްސް އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިނީ ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާއެވެ.
އެ މުބާރާތުގައި ދެ ރަން މެޑަލް ހޯދައި، ރާއްޖެއިން ހޯދި ކާމިޔާބީއަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިޔުއެފް) އިން ބަލައިގަންނަ މުބާރާތަކުން ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މީގެ ކުރިން ބެޑްމިންޓަންގައި ރާއްޖެއިން ހޯދި ބައިނަލްއަގުވާމީ ފުރަތަމަ ރަން މެޑަލްއަކީ މިއަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ސިންގަލްސް އިވެންޓުން އާމިނަތު ނަބީހާ ހޯދި ރަން މެޑަލްއެވެ.
ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވެސް ރާއްޖެއިން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ރާއްޖޭގެ ވޮލީ ޓީމު ވަނީ މޮޅުވެފައެވެ. އިއްޔެ ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވި އިރު، މިއަދު ކުޅުނު މެޗުގައި ރާއްޖެއިން ބަންގުލަދޭޝް ބަލިކުރިއެވެ.