އަޑުހަރުކޮށް ގުރުއާން ކިޔަވާއިރު ވީހާވެސް ރީތިކޮށް ކިޔެވުމަކީ ގުރުއާނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ފެނިގެންދާ ކަމެއް ކަމުގައި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިސްލާމީ ޔުނިވަރސިޓީން މިދިޔަ ހުކުރުދުވަހުގެ ރޭ ބޭއްވެވި ކީރިތި ގުރްއާނާބެހޭ މަހްފިލުގެ ޝަރަފުވެރި މެހުމާނެއްގެގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި، އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހަންމަދު ޒާހިރު ހުސައިނާއި، ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާގެ އިތުރުން، މިސުރުގެ މަޝްހޫރު ގާރީ ޑރ. އަހުމަދު ނުއައިނައު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މާތް ﷲ ކީރިތި ގުރްއާން ބާވައިލައްވާފައިވަނީ އަޑެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން، ޖިބްރީލް އަލައިހިއްސަލާމުގެ އަޑުފުޅު މެދުވެރިކުރައްވައި ކީރިތި ރަސޫލާއަށް ގުރްއާނުގެ އާޔަތްތައް ބާވައިލެއްވުމުން، ކީރިތި ރަސޫލާ އެ އާޔަތްތައް ހިތްޕުޅުން ދަސްފުޅު ކުރައްވައިގެން އަސްހާބު ބޭކަލުންނަށް އުނގަންނަވައި ދެއްވީކަން ފާހަގަކުރައްވައި ރައީސް މައުމޫން ވިދާޅުވީ ފަތްފުށްތަކެއްގައި އެ އާޔަތްތައް ލިޔެވިގެން އައީ ކީރިތި ރަސޫލާގެ އަޔާތްޕުޅުގައި އޭގެފަހުން ކަމަށެވެ.
"ތަޖުވީދު އިލްމުގެ ހަމަތަކާއި އުސޫލުތައް ނެގިފައި އެވަނީ ކީރިތި ރަސޫލާގެ އަޑުފުޅުން ގުރްއާން ކިޔަވާވިދާޅުވެފައިވާގޮތުގެ މައްޗަށް ބަލައިގެން" ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ކީރިތި ރަސޫލާގެ ބަސްފުޅުތަކުން ދަލީލު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ގުރުއާން އަޑުހަރުކޮށް ކިޔަވާއިރު ރީތި ރާގަކަށް ކިޔެވޭތޯ ބެލުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ކީރިތި ގުރުއާން ކިޔެވުމުގައި އަޑު ގެންގުޅޭނެ ގޮތާއި ގުރުއާން ކިޔެވުމުގައި ބޭނުން ކުރެވޭ އަޑުގެ މަގާމުތައް އިލްމުވެރިންނާއި ގާރީން ފާހަގަކުރައްވާފައިވަނީ މިގޮތުގެ މަތިންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި، ރައީސް މައުމޫން ކުރައްވާފައިވާ އަގުހުރި ހިދުމަތްތަކުގެ މައްޗަށް ބައްލަވައި، އިސްލާމީ ޔުނިވަރސިޓީގެ ބާނީއަކީ ރައީސް މައުމޫން ކަމާއި، ރާއްޖޭގައި އިސްލާމީ ތައުލީމު ފެތުރުމުގެ މޭސްތިރިއަކީވެސް ރައީސް މައުމޫން ކަމުގައި އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ ވިދާޅުވެފައެވެ.
އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ބޭއްވެވި މި ކީރިތި ގުރުއާނާބެހޭ މަހްފިލުގައި ޑރ. އަހުމަދު ނުއައިނައުވެސް ކީރިތި ގުރުއާން ކިޔަވާ ވިދާޅުވިއެވެ. އަދި ގުރުއާން ކިޔެވުމުގެ ފަންނާ ބެހޭގޮތުންވެސް ޖަލްސާގެ ބައިވެރިންނަށް ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ވަނީ ހިއްސާ ކުރައްވާފައެވެ.