ޚަބަރު

މިދިޔަ ހަފުތާގެ ތެރޭގައި 753 ވެހިކަލެއްގައި ސްޓިކާ ޖަހައިފި

އާނިފާ ހުސެއިން ސިރާޖް

ގަވާއިދާ ހިލާފުވެގެން މިދިޔަ ހަފުތާގެ ތެރޭގައި 753 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިމަހުގެ ދެއަކުން އަށްވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 753 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާއާ އަޅައި ބަލާއިރު 196 ވެހިކަލަގެ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހުން މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ސްޓިކާ ޖަހާފައިވަނީ ޖުމްލަ 557 އުޅަނދެއްގައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 753 ވެހިކަލްގައި ސްޓިކާ ޖެހުމުގެ ސަބަބުން، އެންމެ ފުރަތަމަ ސްޓިކާ ޖެހުމުން ދައްކަން ޖެހޭ 250 ރުފިޔާގެ މަގުން ޖޫރިމަނާގެ ގޮތުގައި 118،250 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފުވުމުގެ ސަބަބުން ފުލުހުން ވަނީ 30 ވެހިކަލެއް ޓޯކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި މި މުއްދަތުގައި 38 އެކްސިޑެންޓް ހިނގައި 14 މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ލައިސަންސް ނުލައި ވެހިކަލް ދުއްވުމުގެ 44 މައްސަލައަކާއި ލައިސެންސް ނެތި ދުއްވުމުގެ 77 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ. މީގެ އިތުރުން ޓްރެފިކް ނިޝާންތަކާ ހިލާފަށް ދުއްވުމުގެ 19 މައްސަލައެއް ފުލުހުން ވަނީ ބަލައިފައެވެ.

މި މުއްދަތުގެ ތެރޭގައި ޖުމުލަ 689 ވެހިކަލެއް ބަލައި ޗެކުކޮށް އިންޝުރެންސް އަދި ރޯޑް ވޯތިނެސް ހަމަނުވާ 69 ވެހިކަލެއް ރިކޯޑުކުރެވިފައިވާ ކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން އަހަރީ ފީ ނުދައްކާ 38 ވެހިކަލެއްގެ މައްސަލަވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ރިކޯޑު ކޮށްފައެވެ.