ޚަބަރު

ޕްރޮޖެކްޓުތައް ބޭރުގެ ފަރާތްތަކަށް ދެނީ ނުސީދާކޮށް ވަކިމީހަކަށް ލިބޭ ފައިދާ ރާއްޖޭގެ އަސްދަނޑިން ބޭރުގައި ހަމަޖެއްސޭތީ: ރީކޯ މޫސަ

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓުތައް ބޭރުގެ ފަރާތްތަކަށް ދެނީ، އެކަމުން ނުސީދާކޮށް ވަކިމީހަކަށް ލިބޭ ފައިދާ ރާއްޖޭގެ އަސްދަނޑިން ބޭރުގައި ހަމަޖެއްސޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ހުޅުހެންވޭރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މޫސަ މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ދިވެހި ކުންފުނިތަކަށް މަސައްކަތް ދީ، ގެރެންޓީ ދީގެން ބޮޑެތި ޕްރޮޖެކްޓުތައް ނުހިނގަނީ ދިވެހިންނަށް އެކަން ނުކުރެވޭތީ ނޫން ކަމަށާއި އެފަދަ ޕްރޮޖެކްޓުތައް ބޭރުގެ ކުންފުނިތަކާއި ހަވާލުކުރަނީ އެ ޕްރޮޖެކްޓުތަކުން ނުސީދާކޮށް ވަކިފަރާތަކަށް ލިބޭ ފައިދާ ރާއްޖޭގެ އަސްދަނޑިން ބޭރުގައި ހަމަޖެއްސޭނެތީ ކަމަށެވެ.

"ދިވެހި ކުންފުނިތަކަށް މަސައްކަތް ދީފަ ސަވަރިން ގެރެންޓީ ދީގެން ބޮޑެތި ޕްރޮޖެކްޓްތައް ނުހިނގަނީ ދިވެހިންނަށް އެކަން ނުކުރެވޭތީއެއް ނޫން. ޕްރޮޖެކްޓުތައް ބޭރުގެ ފަރާތްތަކަށް ދިނީމަ ނުސީދާކޮށް ވަކިމީހަކަށް ލިބޭ ފައިދާ ރާއްޖޭގެ އަސްދަނޑިން ބޭރުގަ ހަމަޖެއްސޭތީ" މޫސަގެ ޓުވީޓުގައި ވެއެވެ.

އޭގެ އިތުރުން، މިހާރުވެސް ކޮންމެ ސަރުކާރެއް އަޔަސް ބޭރުގެ ކުންފުނިތަކުން ބިޑް ހުށަހަޅާލާ ތަނުން އެމީހުންނަށް ބިޑް ލިބޭ ކަމަށާއި ދިވެހި ކުންފުނިތައް ހުށަހަޅާ ބިޑް ލަނީ ވަށިގަނޑަށް ތޯވެސް މޫސަ ވަނީ ސުވާލުކުރައްވާފައެވެ.

ރާއްޖޭގައި ކުރާ ގިނަ މަސައްކަތްތައް ބޭރު ކުންފުނިތަކަށް ދީފަ، ބިދޭސީން ގެންނަން ހުއްދަ ދީފަ، ގެންނަ ބިދޭސީން ޕްރޮޖެކްޓް ނިމުނީމަ މަގުމައްޗަށް ދޫކޮށްލާފައި ބޭރު ކުންފުނީގެ ވެރިން ފުރައިގެން ދަނީ ކަމަށާއި މަގުމައްޗައް ދޫކޮށްލި ބިދޭސީން އުޅެނީ އަތުޖެހުނު ކަމެއް ކުރަން ކަމަށްވެސް މޫސަ އިތުރަށް ވިދާޅުވިއެވެ.

މޫސަ އަކީ މި ދޭތެރެއިން ދިވާމި، ކުށްކުރާ ބިދޭސީން ޑީޕޯޓު ކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މައްސަލައިގައި އެންމެ ގަދަޔަށް މީސްމީޑިއާގައި އަޑު އުފުލި އެކަކެވެ. އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ އަނެއްކާވެސް ކުޑަކޮށް މަޑުޖެހުމާ ގުޅިގެން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ނިމުނީތޯވެސް މޫސަ ވަނީ އިއްޔެ ސުވާލު ކުރައްވާފައެވެ.