ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވައިފިއެވެ.
މިނިސްޓަރު އެ ޔަގީންކަން ދެއްވީ، ބަޖެޓު ދިރާސާކުރާ ކޮމިޓީރެ ރޭގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރެވޭނީ ކޮންއިރަކުންތޯ އެހުމުން، އެކަމަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ގޮތުގައި ހިންގާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތަސް، އިންޑިއާގެ އެގްޒިމް ބޭންކުން ފައިސާ ހޯދައިގެން އެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ބަޖެޓުގައި ހިމެނިފައި ނެތަސް އަޅުގަނޑުމެން މިހާރުވެސް ޕްރޮޕޯސަލްތައް ފޮނުވާފައިވާނީ އިންޑިއާގެ އެގްޒިމް ބޭންކަށް. އެ ވިންޑޯގެ ތެރެއިން އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުގެ ތެރޭގައި ހަނިމާދޫ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށްޓަކާ މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ދެން،" މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް އެގްޒިމް ބޭންކުން ނަގަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި އެ ބޭންކަށް އެ ޕްރޮޕޯސަލް ފޮނުވި ތާރީހެއް މިނިސްޓަރު ވިދާޅުވެއް ނުވެއެވެ.
މީގެ 28 އަހަރު ކުރިން 1990 ގައި ހިދުމަތް ދޭން ފެށި ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2013 ވަނަ އަހަރުގައެވެ. އެފަހުން ވެސް އެ އެއާޕޯޓް ބައިނަލްއަގުވާމީ ފެންވަރަކަށް ތަރައްގީ ކުރުމުގެ ވާހަކަދައްކާތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.
އެވާހަކަ އެންމެ ފަހުން ދެއްކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެ ސަރުކާރުން 2016 ގައި ހަނިމާދޫ އެއާޕޯޓުގެ ރަންވޭ ދިގުކުރާނެ ކަމަށް ބުންޏެވެ. ނަމަވެސް ސަރުކާރު ނިމުނުއިރުވެސް އޭގެ އެއްވެސް ކަމެއް ފެށިފައެއް ވެސް ނުވެއެވެ.
ނަމަވެސް މިފަހަކާ ޖެހެންދެން ވެސް އެ އެއާޕޯޓުން ބައިނަލްއަގުވާމީ ދަތުރެއްގެ ގޮތުގައި ކުރަނީ ޓްރިވެންޑުރަމަށް ހަފްތާއަކު ދެ ފަހަރެވެ. މިދިޔަ މަހު ތެރޭގައި ހަނިމާދޫ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ވަނީ ދަތުރު ފަށައިފައެވެ. އެއާޕޯޓަށް ބޮޑެތި ފްލައިޓުތައް ނުޖެއްސޭތީ އެ ދަތުރުތަކުގައި ވެސް ބޭނުންކުރަނީ މޯލްޑިވިއަންގެ ކުދި ބޯޓުފަހަރެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ވަނީ، ހަނިމާދޫ އެއާޕޯޓަށް ބޭރު ގައުމުތަކުން ސީދާ މަތިންދާބޯޓުތައް ޖެއްސޭ ވަރަށް އެ އެއާޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.