ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއަކުން ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބުނެފިއެވެ.
ކުރިމިނަލް ކޯޓުގެ ވައިބާ ގުރޫޕަކަށް ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔާ ހައިލަމް ފޮނުއްވި އެ ކުރެހުމުން ފެންނަނީ 3 ނޮވެމްބަރު 1988 ގައި ކުލީ ސިފައިން ގޮވައިގެން ރާއްޖެ އަޅުވެތިކުރަން ރާއްޖެއަށް އެރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނު ޖަހައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންދާ މަންޒަރެވެ.
އެ ޗޭނު ހިފައިގެން ކުރިޔަށް ހިނގާފައިދަނީ ނޮވެމްބަރު ތިނެއްގައި ސިފައިންގޭގެ ދޮރާށި ބަލަހައްޓަން ހުރެ، ދުޝްމަނުންނާ ހަނގުރާމަކޮށް ޝަހީދުވި، ޝަހީދު ހުސެއިން އާދަމެވެ.
ހައިލަމްގެ އެ އަމަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ، އެންޓި ޓޯޗާ ގާނޫނުންނާއި ގާނޫނުއަސާސީގައި ކޮންމެ އިންސާނެއްގެ ގަދަރާއި ކަރާމާތަށް އިހުތިރާމުކޮށް، ގާނޫނުގެ ރައްކާތެރިކަން ކޮންމެ ރައްޔިތަކަށް ލިބިދޭނެ ކަމަކަށް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން، އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކުން ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބިދޭނެ ކަންކަމުން ދައުލަތުގެ މަގާމެއްގައި ހުރި މީހަކު އަރައިގަނެގެން ނުވާނެ ކަމަށް ވެސް އެ ކޮމިޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމިޓީގެ ބަޔާނުގައި އިތުރަށް ވަނީ ހައިލަމުގެ އެ އަމަލަކީ އދ.ގެ ކޮންވެންޝަން އެގެއިންސްޓް ޓޯޗާ އެންޑް އިންހިއުމަން ޑީގުރޭޑިން ޓުރީޓްމަންޓް އެންޑް ޕަނިޝްމަންޓުގެ އާޓިކަލް ތިނަކާ ހިލާފު އަދި އިންސާނީ ކަރާމާތަށް އަރައިގަނެފައިވާ އަމަލެއް ކަމުން ދައުލަތުގެ އޮފިޝަލެއްގެ ފަރާތުން އެފަދަ އަމަލެއް ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އެޅުމަށް ދައުލަތަށް ގޮވާލައިފައިވެއެވެ.
ވައިބާ ގުރޫޕަށްލީ ފޮޓޯއާ ގުޅިގެން ހައިލަމު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ފޮޓޯ ވައިބަރު ގުރޫޕަށް ލީއިރު އެފޮޓޯގައިވާ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިފައިނުވާ ކަމަށާއި އެފަދަ ކުރެހުމެއް ހުރެދާނެ ކަމަށް ވިސްނާލެވިފައިވެސް ނުވާ ކަމަށެވެ.
އެހެންކަމުން ރައީސް ސޯލިހާއި ރައީސް ނަޝީދުގެ އިތުރުން ހުރިހާ ރައްޔިތުންގެ ކިބައިން ހައިލަމް ވަނީ މައާފަށް އެދިވަޑައިގެންފައެވެ.
ނަމަވެސް އެ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހައިލަމް ސަސްޕެންޑު ކޮށްފައެވެ. އޭނާ ސަސްޕެންޑުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުން އުފުލާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް ކުރަން އޮތް ދުވަހުއެވެ.