ޚަބަރު

އެއްވެސް ނުފޫޒެއް ނާދޭ، ހައިލަމް ހެއްދެވީ އިތުރުފުޅެއް: ގާޒީ އަލީ ރަޝީދު

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި ފަރާތްތަކުން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށާއި އެ ނުފޫޒުތައް ހިނގަމުންދާކަން ކުރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ގާޒީ އަހުމަދު ހައިލަމް ވިދާޅުވުމަކީ އޭނާ ހެއްދެވި އިތުރުފުޅެއް ކަމަށް ގާޒީ ރަޝީދު ވިދާޅުވެއްޖެއެވެ.

ހައިލަމްގެ ބަޔާނާ ގުޅިގެން ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާޒީ ރަޝީދު ވިދާޅުވީ، ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ހައިލަމް ވިދާޅުވި ނަމަވެސް އެކަން އެނގިފައިނުވާ ކަމަށާއި އެއީ ހައިލަމް ހެއްދެވި އިތުރުފުޅެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގާޒީކަން ކުރައްވާތާ 13 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވެސް އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރާފައިވާ ނުވާ ކަމަށެވެ. އަދި ނުފޫޒު ފޯރުވޭނީ ނުފޫޒުގެ ދޮރު ހުޅުވުމުން ކަމަށް ވިދާޅުވިއެވެ.

ޔާމީނަށް ހުކުމް ކުރަން އޮތް ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑު ކޮށްފައިވާ ހައިލަމް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އިންޒާރުދީ، ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރު ވެސް ދިން ކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އެކަން ގާޒީ އަލީ ރަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ސަސްޕެންޑުވާން ބޭނުންފުޅު ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަން ވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް ގާޒީ ހައިލަމުގެ ބަޔާނުގައި އޭނާއަށް އިންޒާރުދީ ނުފޫޒު ފޯރުވި ބޭފުޅުންގެ ނަންތަކެއް ހާމަކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން އިދިކޮޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ގެންދަވަނީ އެ ނަންތައް ހާމަކުރެއްވުމަށް ހައިލަމަށް ގޮވާލައިފައެވެ.