ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިއުލް އެކްސްޕްރެސް މޯލްޑިވްސް އަށް ލިބުނު ގެއްލުމުގެ ބަދަލު ދިވެހި އިންޝުއަރެންސް ކުންފުނިން ދީފިއެވެ.
ދިވެހި އިންޝުއަރެންސް ކުންފުނިން މައުލޫމާތުދިން ގޮތުގައި މިއަހަރު ސެޕްޓެމްބަރު މަހު 30 ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިއުލް އެކްސްޕްރެސް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު އެ ކުންފުންޏާއި ހަވާލުކޮށްދެއްވާފައިވަނީ އެކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މި ޕޭމަންޓް ފިއުލް އެކްސްޕްރެސް މޯލްޑިވްސް އާއި ހަވާލުކޮށްދެއްވާފައިވަނީ ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް ވާހިދު ތައުފީގެވެ. މި ފައިސާ އާއި ފިއުލް އެކްސްޕްރެސް މޯލްޑިވްސް އިން ހަވާލުވެފައިވަނީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝިހާބެވެ.
މި ރަސްމިއްޔާތުގައި ދިވެހި އިންޝުއަރެންސް ކުންފުނިން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވާ އެކި ހާދިސާ ތަކުން ލިބޭ ގެއްލުމުގެ ބަދަލު ވީހާވެސް އަވަހަކަށް ހޯދައިދިނުމަށެވެ. އަދި އެ ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭ ގެއްލުން ތަކުން އަރައިގަނެ ވީހާވެސް އަވަހަކަށް ވިޔަފާރި އަލުން އަނބުރާ ފަށައިގަތުމަށް އެހީތެރިވުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ދިވެހި އިންޝުއަރެންސް ކުންފުނިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝިހާބު ވިދާޅުވީ މި ހާދިސާގައި ދިވެހި އިންޝުއަރެންސް ކުންފުނިން މަސައްކަތް ކުރީ ޒިންމާދާރު ކަމާއެކު ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެފައިވާ ކަމަށާއި، އެކުންފުންޏާއެކު ފިއުލް އެކްސްޕްރެސް މޯލްޑިވްސް އިން އޮތް ގުޅުން ވަރުގަދަ ވެފައިވާ ކަމަށް ޝިހާބު ވިދާޅުވިއެވެ.
ޓީޖެޓީގައި ހިނގި އަލިފާނުގެ ހާދިސާގައި އެސަރަހައްދުގައި އޮތް ލޯންޗެއް ވަނީ އަނދާހުލިވެފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި އޮތް 10 ތެޔޮ ބައުޒަރަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނެއެވެ. އަދި އެ ބައުޒަރުތަކުގެ ތެރެއިން ފަސް ތެޔޮ ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ދިވެހި އިންޝުއަރެންސް ކުންފުންޏަކީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރަސްމީކޮށް ހިދުމަތްދޭން ފެށި ކުންފުންޏެކެވެ. މި ކުންފުންޏަކީ ދިވެހިންގެ 100 ޕަސެންޓް ހިއްސާ އޮންނަ ހަމައެކަނި އިންޝުއަރެންސް ކުންފުންޏެވެ.