އިބްރާހިމް ޒަކީ
މަނީ ލޯންޑާ ކުރުމުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި، އެމަނިކުފާނު ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށް، ސަސްޕެންޑް ކޮށްފައިވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ކުރެއްވި ތުހުމަތަށް ސައުކާރުން އިންކާރު ކޮށްފައި ނުވާތީ އެކަމުގައި ނުބައެއް އުޅޭކަމަށް ހީވާކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް (ޑީޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމް މިހެން ވިދާޅުވިއިރު އިސް ގާޒީ އަހުމަދު ހައިލަމް ވަނީ 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.
ހައިލަމް ސަސްޕެންޑް ކުރުމާ ގުޅޭގޮތުން ޖޭއެސްސީން ބުނީ މިދިޔަ އަންގާރަ ދުވަހު ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުމުގެ ޝަރީއަތް ފެށުމަށް ފަސް ގަޑިއިރަށް ވެފައި ވަނިކޮށް، އެ މައްސަލަ އޭރު ބައްލަވަމުން ގެންދެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރީ ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެންކަމަށެވެ.
އެއީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ވައިބާ ގުރޫޕަކަށް ލީ މައްސަލައެއްގައެވެ.
ހައިލަމް ސަސްޕެންޑް ކުރުމާ ގުޅިގެން އޭނާ ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށެވެ.
ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށެވެ.
ހައިލަމް ވިދާޅުވި ގޮތުގައި، އެ މަސައްކަތް އެބޭފުޅުން ކުރެއްވީ މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހުއެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ހުކުމް ކުރަން އޮތް ދުވަހުގެ ދެވަރަކަށް ދުވަސް ކުރިއެވެ. ނަމަވެސް އެއީ ކޮން ބޭފުޅުއްނެއް ކަމެއް ހައިލަމް ވިދާޅެއްނުވެއެވެ.
މި މައްސަލައާ ގުޅިގެން ޝަމީމު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ އިސް ފަރާތްތަކުންނާއި ސަރުކާރުން ގުޅައި، ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ހައިލަމް ވިދާޅުވާއިރު، އެ ބުނާ އިސް ފަރާތްތަކުންވެސް އަދި ސަރުކާރުންވެސް އެކަމަށް އިންކާރު ކޮށްފައި ނުވާ ކަމަށެވެ. އަދި ހައިލަމާ ނުގުޅާނަމަ، އެ ވާހަކަ އެބަ ބުނަންޖެހޭ ކަމަށާއި އެހެން ނޫންނަމަ އެކަމުގައި ނުބައެއް އުޅެޔޭ ހީވާގޮތް އެބަވާ ކަމަށް ޝަމީމު ވިދާޅުވެފައިވެއެވެ.
"ތައިލޭންޑުގެ އައްސޭރިފަށުގައި ފަތާލާފައި" އައިއިރު ކަމަކުދާކަށްނެތް. ހައިލަމަށް ސަރުކާރުގެ "އިސް ފަރާތަކުން" ގުޅީޔޯ. "އިސް ފަރާތުން" ވެސް ސަރުކާރަކުން ވެސް އެކަމަކަށް އަދި އިންކާރެއް ނުކުރޭ. ނުގުޅާނަމަ، އެ ވާހަކަ އެބަ ބުނަންޖެހޭ! އެހެން ނޫނީ، ނުބައެއް އުޅެޔޭ ހިވާގޮތް އެބަ ވޭ،" ޝަމީމުގެ ޓްވީޓުގައި ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށް ހައިލަމް ވިދާޅުވުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކާއި އެމްޑީޕީން ވަނީ އެފަތާތްތަކުގެ ނަންތަކާއި މައުލޫމާތު ހާމަ ކުރުމަށް ހައިލަމް އަށް ގޮވާލައިފައެވެ.
ހައިލަމް ސަސްޕެންޑް ކުރުމަށްފަހު ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދަން ހަވާލު ކުރައްވާފައިވަނީ ގާޒީ އަލީ ރަޝީދުއާ އެވެ.
މިމަހުގެ 17 އަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މިހާރު ވަނީ ތާވަލު ކޮށްފައެވެ.