އިބްރާހިމް ޒަކީ
މުޅި ފަނޑިޔާރުގެއަށް ހިޔަނި އެޅިގެންދަނީ މަދު ބައެެއްގެ އަމަލުތަކުގެ ސަބަބުން ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިސާން އެހެން ވިދާޅުވީ ޖޭއެސްސީގެ މަސައްކަތްތަކަށް ފާޑު ވިދާޅުވާ ފަނޑިޔަރުންނަށް ނިސް ބަތް ކުރައްވައެވެ.
ޖޭއެސްސީގެ މަސައްކަތްތަކަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ފަނޑިޔާރުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހިމެނި ވަޑައި ގަންނަވައެވެ.
ހިސާން ވިދާޅުވީ، ފަނޑިޔާރެއްގެ އެންމެ ބޮޑުމަސްއޫލިއްޔަތަކަށް ވަނީ ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް އަމަލު ކުރުން ކަމަށެވެ. އަދި ވަކި ފަރާތަކަށްް ނުޖެހި އިންސާފު ގާއިމް ކުރުމެވެ.
ފަނޑިޔާރުންނަކީ އެމީހުންގެ ނަޒަރުގައި ގާނޫނު އޮންނަންވީގޮތް ނުވަތަ ގާނޫނު ބައްޓަން ކުރަންވީގޮތް ކުރަހާބައެއްނޫން ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އަދި ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑު ނުވަތަ ނިޒާމް ރޭވުމަކީވެސް އެމީހުންގެ ޒިންމާއެއްނޫންކަމަށް ވިދާޅުވިއެވެ.
ހިސާން ވިދާޅުވި ގޮތުގައި މިހާރު އަމަލު ކުރަމުންދާ ގަނޫނު އަސާސީ ގައި ޝަރުއީ ނިޒާމަ ބައްޓަން ކޮށްފައި އޮތީ އެ ތަސައްވުރުގެ މައްޗަށެވެ.
އަދި އެގާރަ އަހަރު ފާއިތުވިއިރުވެސް ގާނޫނުއަސާސީ އެ ތަސައްވުރުކުރި މިސްރާބަށް ޝަރުއީ ދާއިރާ ގެންދެވިފައިނުވާ ކަމަށް ވެސް ވިދާޅުވިއެވެ.
"ގާނޫނުއަސާސީން ޝަރުއީ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައި ނަމަވެސް ވޭތުގެ ދިޔަ 11 އަހަރު ފާއިތުވީއިރުވެސް ހިތާމަ އާއެކު އަޅުގަނޑުމެން ފާހަގަ ކުރަންޖެހެނީ އަޅުގަނޑުމެން އަދިވެސް މިއުޅެނީ ގާނޫނުއަސާސީ އެ ތަސައްވުރުކުރި މިސްރާބަށް ޝަރުއީ ދާއިރާ ނުގެނދެވިގެންކަން،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، ޝަރުއީ ނިޒާމް އިސްލާހުވާން އެންމެ ބޮޑަށް އެދޭ ފަރާތްތަކަކަކީ ފަނޑިޔާރުން ކަމަށެވެ.
"ޝަރުއީ ދާއިރާގެ ނަޒާހަތްތެރިކަން ނެގެހެއްޓުމާއި ދާއިރާއަށް ލިބެނެޖެހޭ އިތުބާރު ލިބިގަތުމަކީ ފަނޑިޔާރުންގެ އެންމެ ބޮޑު އެދުންކަންއެނގޭ، ޝަރުއީ ދާއިރާ އިސްލާހު ކުރަން މި ގެނެވޭ ބަދަލު ތަކުގައި ތިޔަބޭފުޅުން ތިޔަ ދެއްވާ އެއްބާރު ލުމަކީ މިދެންނެވި ވާހަކަ ސާބިތު ކޮށްދޭ އެންމެ ވަރުގަދަ އަސާސް ނުވަތަ ހެކި،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، އެންމެންނަކީވެސް ދައުލަތުގެ މުވައްޒިފުން ކަމަށާއި ޒިންމާތަކެއް އޮތްބައެއް އަދި ޖަވާބުދާރީ ވާންޖެހޭ ބައެއް ކަމަށެވެ.
"އެންމެ ހިނދު ކޮޅަކަށްވެސް އަޅުގަނޑުމެން ހަނދާނެތިގޮސްގެންނުވާނެ އަޅުގަނޑުމެންނަކީ ޖަވާބު ދާރި ވަންޖެހޭ އަދި ޖަވާބު ދާރީ ކުރުވޭނެ ބައެއްކަން، ވަކި މަގާމެއްގައި ހުރުން ނުވަތަ ވަކި ވަގުތެއްގައި މައްސަލައެއް ފެންމަތިވުން އެއީ މީހަކާމެދު އަޅަންޖެހޭ ފިޔަވަޅެއް ނޭޅޭނެ ނުވަތަ ޖަވާބުދާރީ ނުކުރެވޭނޭ ސަބަބެއްކަމަށް އެއްވެސް ބޭފުޅަކު ދެކިގެން ނުވާނެ. ޖޭއެސްސީން އެގޮތަށް އަމަލު ނުކުރާނެކަމުގެ ޔަގީންކަން އަރުވަން،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ޖޭއެސްސީން އަަދާކުރަންޖެހޭ ދުސްތޫރީ ޒިންމާތައް އަދާ ކުރުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން އެންމެ ބޭފުޅުންނަށް އަރުވާ ކަމަށެވެ.