ސަރުކާރު ކޯލިޝަނުގައި މިހާރު އެމްޑީޕީއާއެކު ތިބީ އަމިއްލަ އެދުމުގެ ބޭނުމުގައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ބައެއް ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ކުއްލި ގޮތަކަށް ސަސްޕެންޑުކުރި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އިއްޔެ ނެރުއްވި ބަޔާނަކާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެމްޑީޕީން ކުރާ ކަންކަމަށް ކޯލިޝަން ތެރެއިން ފާޑު ކިޔާނެ މީހަކު ނުވާނެ ކަމަށެވެ.
އެގޮތުން ގާނޫނާއި އިސްލާމްދީނާ ހިލާފަށް މިއަދު ކަމެއް ކުރިޔަސް ސަރުކާރުގައި ތިއްބަވާ އިދިކޮޅު ކޯލިޝަން މީހުންނަށް ނުފެންނަ ކަމަށާއި އެކަން މައްސަލައަކަށް ވެސް ނުވާ ކަމަށް ވިދާޅުވިއެވެ.
''މިއަދުގެ ސަރުކާރާއި އެސަރުކާރާ ގުޅިފައި ތިބި ފަރާތްތަކުގައި ނުވަތަ ކޯލިޝަން ހަދާފައި ތިބި ފަރާތްތަކުގައި ނެތް މި ސަރުކާރުން ކޮންމެ ފަދަ ކަމެއް ކުރިއަސް އެކަން ހުއްޓުވަން ބޭނުންވާ ބަޔަކު. އޭގެ ތެރޭ ތިބީ އަމިއްލަ ފައިދާއަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހުން. މިއަދަކު ގާނޫނާ ހިލާފަށް ކަމެއް ކުރީމަކާ ނުފެނޭ،'' އަދުރެ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތް އެހެން ގާޒީއަކާ ހަވާލުކޮށްފައިވަނީ ހިނގަމުންދާ ޝަރީއަތެއް އެހެން ގާޒީއަކާ ހަވާލު ކުރަންޖެހޭ ހާލަތްތަކުގެ ތެރެއިން އެއްވެސް ކަމެއް މެދުވެރި ނުވަނީސް ކަމަށެވެ. އަދި މިހާރުވެސް ހައިލަމުގެ ސަސްޕެންޝަން އުވާލައިފިއްޔާ ހައިލަމަށް އެ މައްސަލައިގެ ޝަރީއަތް ހިންގޭނެ ކަމަށް ގާނޫނީ މާހިރުން ބުނާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމްއެވެ. ނަމަވެސް ޔާމީންގެ މައްޗަށް ހުކުމް އިއްވަން ތާވަލުކޮށްފައި ވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑްކުރިއެވެ.
ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހައިފައިވާ ފޮޓޯއަކުން ތަހުނިޔާގެ މެސެޖެއް ފޮނުވި މައްސަލައާ ގުޅިގެންނެވެ.
ހައިލަމް ސަސްޕެންޑު ކުރުމަށްފަހު މިހާރު ކުރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހަމަޖައްސާފައިވަނީ އަލީ ރަޝީދެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތް ބެއްލެވުމަށް އޭނާއާ ވަނީ ހަވާލުކޮށްފައެވެ.