މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންތިހާބު ކޮށްފިއެވެ.
އެމްއާރުއެމް އުފެއްދުމަށް މިރޭ ދަރުބާރުގޭގައި ބާއްވާ ޖަލްސާގައި އިންތިގާލީ ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ވެސް ރައީސް މައުމޫން އެކަންޏެވެ. އެގޮތުން އެމަނިކުފާނު އެ މަގާމަށް އިންތިހާބުކުރީ ނެގި ފެންނަ ނުފެންނަ ވޯޓަކުން، ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިރޭގެ ޖަލްސާގައި އެމްއާރުއެމްގެ ވަގުތީ ލީޑާޝިޕްގެ އިތުރުން އެޕާޓީގެ ހިންގާ އަސާސީ ގަވާއިދު ވެސް ވަނީ ފާސްކޮށްފައެވެ. އަދި ޕާޓީގެ ކުލަ، ލޯގޯ، އަދި ދިވެހިން ޕާޓީއަށް ކިޔާނެ ނަމެއް ވެސް މިރޭގެ ޖަލްސާފައި ފާސްކުރިއެވެ. އެގޮތުން އެމްއާރުއެމް އަށް ދިވެހިން "ދިވެހިންގެ އިސްލާހީ ހަރަކާތް" ކިޔަން ވަނީ ފާސްކޮށްފައެވެ.
ޖަލްސާއަށް ހާޒިރުވި 156 މެމްބަރުންގެ ވޯޓުން އެމްއާރުއެމް އިން މިރޭގެ ޖަލްސާގައި ފާސްކުރި އެ ޕާޓީގެ ލޯގޯ އިން ރަމްޒު ކޮށްދެނީ ޒުވާނުންގެ ހިތްވަރާއި ރައްޔިތުންގެ އެއްބައިވަންތަކަމާއެކު ގައުމު އިސްލާހުގެ މަގަށް ގެންދިއުން ކަމަށް އެމްއާރުއެމުން ބުނެއެވެ.
މި ޖަލްސާގައި އެމްއާރުއެމް ވަގުތީ ގޮތުން ހިންގާނެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީ ކައުންސިލެއް ވެސް ވަނީ އިންތިހާބުކޮށްފައެވެ. އެއީ 10 އަންހެން މެމްބަރުންނާއެކު 20 މީހުން ހިމެނޭ ކޮމިޓީއެކެވެ.
އެމްއާރުއެމްއަކީ ރައީސް މައުމޫނު އިސްވެ ހުންނަވައިގެން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީއެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ޑީއާރުޕީ އަދި ޕީޕީއެމް އުފައްދަވައިފައެވެ.
ނަމަވެސް ޕާޓީގެ އެތެރޭގެ މައްސަލަތަކުގެ ތެރެއިން މި ދެޕާޓި އިންވެސް އެމަނިކުފާނު ވަނީ ވަކިވެވަޑައިގެންފައެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައުމުން ޕީޕީއެމް އަނބުރާ ހޯއްދެވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވިއެވެ.