މައްސަލައެއް ފެންމަތިވުމުން އެންމެން ވެސް ޖަވާބުދާރީ ކުރެވޭނެ ކަމަށާއި ވަކި މަގާމެއްގައި ހުރުމުން ފިޔަވަޅު ނޭޅޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.
ހައި ކޯޓަށް ފަނޑިޔާރުން އައްޔަންކުރުމަށް މިރޭ ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިސާން އެހެން ވިދާޅުވި އިރު، ޖޭއެސްސީން އަންނަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ މައްސަލަތަކެއް ވެސް ހިމެނެއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ހުރިހާ ފަނޑިޔާރުންނަކީ ވެސް ދައުލަތުގެ މުވައްޒަފުން ކަމަށާއި އެންމެންނަށް ވެސް ޒިންމާތަކެއް އޮންނާނެ ކަމަށެވެ. އަދި މައްސަލައެއް ފެންމަތިވުމުން އެއީ ވަކި މަގާމެއްގައި ހުރި މީހެއް ކަމުގައިވިޔަސް، އެކަމަކަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށާއި ފިޔަވަޅު ނޭޅޭނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަނޑިޔާރުންނަކީ ގާނޫނު އަސާސީ އާއި ގާނޫނަށް އަމަލުކުރަން ޖެހޭ ބައެއް ކަމަށާއި ގާނޫނު އޮންނަންވާނެ ގޮތް ބައްޓަންކުރުން ފަނޑިޔާރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނުހިމެނޭ ކަމަށް ހިސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުލަތް ހިންގުން ނުވަތަ ނިޒާމު ބައްޓަންކުރުމުގެ ދައުރެއް ވެސް ފަނޑިޔާރުންނަށް ނޯންނާނެ ކަމަށެވެ.
ހިސާން ވިދާޅުވީ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯދައި ފަނޑިޔާރުގެއަކީ ނަޒާހަތްތެރި ތަނަކަށް ހެދުމަށް އެންމެ ބޮޑު ދައުރެއް އަދާކުރަން ޖެހޭ ބަޔަކީ ފަނޑިޔާރުން ކަމަށާއި މުޅި ފަނޑިޔާރުގެއަށް ހިޔަނި އެޅިގެންދަނީ މަދު ބައެއްގެ ސަބަބުން ކަމަށެވެ. އަދި ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަކީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުން ޕެރަލައިޒްކޮށް ފަނޑިޔާރުންގެ ޒިންމާތަކަށް ހުރަސް އަޅަން ގެނައި އިސްލާހެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.