ފަނޑިޔާރުންގެ ވާޖިބަށް ހުރަސް އަޅަން މަސައްކަތްކުރި ބައެއްގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިގޮތަށް ގޮވާލެއްވީ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށް ބުނެ ހައިލަމް މިރޭ ބަޔާނެއް ނެރެފައިވާތީއެވެ.
ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުންކުރާ މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭއެސްސީގެ ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންގެ ވާޖިބަށް ހުރަސް އަޅަން މަސައްކަތްކުރި ބައެއްގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަންޖެހޭނެ ކަމަށެވެ.
"މިއީ ކޮމިޝަނުން ބަލަންޖެހޭ މައްސަލައެއް. މިއަދު ނުބެލުނަސް މާދަމާ މި ކަންކަން ބެލޭނެ ދުވަސް އަންނާނެ،" ޑރ. ޖަމީލު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހައިލަމުގެ ބަޔާނުން ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވިކަން ސާބިތުވެއްޖެ ކަމަށެވެ. އަދި ގާޒީ ހައިލަމް ސަސްޕެންޑުކުރީ ބޭނުންވާ ގޮތަށް ހުކުމް ނުދީގެން ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ޖުޑީޝަރީ އިސްލާހުކުރުމުގެ ނަމުގައި ވެރިކަމަށް އައި މީހުން މަސައްކަތް ކުރަމުންދަނީ އެތަން ތަޣައްޔަރުކުރަން ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ހައިލަމް މިއަދު ނެރުނު ބަޔާނުގައި ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރިއެވެ. އަދި އެ މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރެއްވީ މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހުއެވެ.
އެއީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ ހުކުމް ކުރަން އޮތް ދުވަހުގެ ދެވަރަކަށް ދުވަސް ކުރިއެވެ.
"ސަރުކާރުގެ ވަރަށް އިސްމަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވެއެވެ،" ހައިލަމްގެ ބަޔާނުގައިވެއެވެ.