ރައީސް އޮފީސް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު 39 ބޭފުޅަކަށް

އާނިފާ ހުސެއިން ސިރާޖް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މިއަހަރު 39 ބޭފުޅަކަށް ދެއްވުމަށް ހާއްސަ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދެވި 32 ބޭފުޅުން ކަމަށެވެ. އަދި ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅުންގެ އިތުރުން، ގައުމީ ކުޅިވަރު ދެ ޓީމެއްވެސް ހިމެނޭކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އަންނަ އާދީއްތަ ދުވަހުގެރޭ 8:45 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ސަރުކާރުން ދެއްވާ ބައެއް ހާއްސަ މެޑެލްވެސް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މެޑެލް ދެއްވާނީ، ކީރިތި ގުރްއާން ހިތުދަސްކުރައްވައިގެން ހާފިޒު ކަމުގެ ސަނަދު ހާސިލުކުރެއްވި 16 ބޭފުޅަކަށާއި، މިދިޔަ އަހަރު ބޭއްވި ސާނަވީ އިމްތިހާނާއި، މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ހާސިލުކުރި 17 ދަރިވަރުންނަށެވެ. މީގެއިތުރުން، ދެ ސްކައުޓަކަށް ސަރުކާރުން ދެއްވާ ހަނދާނީ ފިލާ ދެއްވުމާއި، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި ފަސް ސްކައުޓުންނަށް ބެޖް ދެއްވުމާއި، ބޭޑަން ޕަވަލް ބެޖް ހާސިލުކުރި ހަ ސްކައުޓުންނަށް ބެޖު ދެއްވުންވެސް މި ޖަލްސާގައި އޮންނާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.