ވަގަށް ގޮވުމަކުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު މަގާމަކަށް ނުލެވޭނެ ކަމަށާއި، ސުޕްރީމް ކޯޓަށް ލިބިފައިވާ ފުރުސަތުން ދިޔާނާ ކަޓުވައިލީ ޖާބިރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރޮޒެއިނާގެ މައްޗަށް ޖާބިރު ވަނީ އެމްއެމްޕީއަރްސީގެ ހިޔާނާތުގެ ތުހުމަތު ކޮށްފައެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށްވެސް ޖާބިރު ވަނީ އެ ތުހުމަތު ކޮށްފައެވެ.
ޖާބިރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރޮޒެއިނާ އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ދެބޭފުޅުން ކަމަށާއި އެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެމަނިކުފާނު މަގާމުން ދުރު ކުރުމަށް ޖާބިރު ވަނީ ގޮވައި ލައްވައިފައެވެ. ރޮޒެއިނާގެ މައްސަލަ ބަލާ އިރު، އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަށް މާލިއްޔަތު ކޮމިޓީގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ އިދާރާއަށްވެސް ހުށަހަޅާފައިވާ ކަމަށެވެ.
ޖާބިރުގެ ތުހުމަތުތަކަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވިޓެއްގައި ރޮޒެއިނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔަރުކަމަށް ދިޔާނާ އައްޔަން ކުރަން އޮއްވައި ކަޓުވާލީ ރޮޒެއިނާ ކަމަށް ތުހުމަތުކޮށް، މަޖިލީހުގެ ސައި ކޮޓަރީގައިވެސް ޖާބިރު ހަޅޭއް ލެވި ކަމަށެވެ. ސައި ކޮޓަރީގައި ރޮޒެއިނާ އާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތުހުމަތުކޮށް ހަޅޭއްލަވައިފައި ގޮސް ތަޅުމުގައި، ވަގަށް ގޮވުމަކުން ދިޔާނާ މަގާމަކަށް ނުލެވޭނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
ނަމަވެސް ދިޔާނާ ކަޓުވައިލީ ޖާބިރު ކަމަށާއި ޖާބިރު އުޅޭ ވައްތަރުން ދިޔާނާއަށް ވޯޓުލާން މެންބަރުން ބިރުގަތީ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދިޔާނާ ކަޓުވައިލަން މަސައްކަތް ކުރީކަމަށް ސައި ކޮޓަރީގަ އަޅުގަނޑާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ތުހުމަތުކޮށް ހަޅޭއްލަވައިފައި ގޮސް ތަޅުމުގައި އަޅުގަނޑުމެނަށް ވަގަށް ގޮވުމަކުން ދިޔާނާ މަގާމަކަށް ނުލެވޭނެ، ދިޔާނާ ކަޓުވައިލީ ޖާބިރު. ޖާބިރު އުޅޭ ވައްތަރުން މީހުން ދިޔާނާއަށް ވޯޓުލާން ބިރުގަތީ،" ރޮޒެއިނާ ވިދާޅުވިއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީން ތްރީލައިން ވިޕެއް ނެރެ، ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ފާސްކުރިއެވެ.