ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އަޔޯރާ ގެ މެންބަރަކަށް ވުމުގެ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގެ މެންބަރު ގައުމަކަށް ވުމަށްޓަކައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

އަޔޯރާއަކީ އިންޑިއާ ކަނޑާއި ގުޅިފައިވާ ގައުމުތަކުގެ ޖަމިއްޔާއެކެވެ. 1997 ވަނަ އަހަރުގެ މާޗް މަހު އުފެއްދި މި ޖަމިއްޔާ އުފެއްދުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރީ ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ 1995 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

ރާއްޖެއިން މިއަދު މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދުބާއީގައި މިހާރު ކުރިއަށްދާ އަޔޯރާ ސަމިޓުގެ ތެރެއިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންނެވީ އިއްޔެއެވެ.

އަޔޯރާގެ މެންބަރު ގައުމަކަށް ވުމަށް މިނިސްޓަރު ޝާހިދު ޑިކްލަރޭޝަނުގައި މިއަދު ސޮއިކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގެ "ހިތުގައި" އޮންނަ ގައުމެއް ކަމުން ސަރަހައްދުގެ ގައުމުތަކާއެކު އިތުރަށް ގުޅުން ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމުގައެވެ.

ރާއްޖެއަށް އަޔޯރާގެ މެމްބާޝިޕް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ ކުރީކޮޅު ސައުތު އެފްރިކާގައި ބޭއްވި އެ ޖަމިއްޔާގެ ޖަލްސާއެއްގައި، އެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.