ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ފާރިސް އަބަދުވެސް އެންމެ އިސްކަމެއް ދެނީ މުއައްސަސާތައް އިސްލާހުކުރަންކަން އެނގޭ: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އަބަދުވެސް އެންމެ އިސްކަމެއް ދެނީ މުއައްސަސާތައް އިސްލާހުކުރަންކަން އެނގިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރު ކަމަށް ފާރިސް މިއަދު ހަމަޖައްސަން ފާސްކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މައުމޫން ވިދާޅުވީ އިސްލާހަށްޓަކައި ފާރިސް ކުރައްވާ މަސައްކަތްތަކަށް އެމްއާރްއެމްގެ އިތުރުން ހުރިހާ ޕާޓީތަކުންވެސް ތާއީދު ކުރާނެ ކަމަށެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް ފާރިސް ހަމަޖެއްސުމާ ގުޅިގެން މައުމޫން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގެ މެމްބަރު ކަމަށް މީގެކުރިން ކަނޑައަޅާފައި ހުންނެވީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއެވެ. ނަމަވެސް އޭނާ އެ ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރުމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި ގޮތަށް މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ފާސްކޮށްފައެވެ.

ފާރިސްގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ބޭފުޅުންގެ ތެރެއިން ދެން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމެވެ.