ކުރީގެ އަތޮޅުވެހި، މިހާރު މާލޭ ޖަލު ހުރި ބިން ހުސްކޮށް، އެތަނުގައި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން ނިންމައިފި އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވީ މާލޭ ޖަލު ހުރި ބިމާއި އެބިމާ އިންވެގެން އޮތް ބިން އެޑިޔުކޭޝަނަށް މިހާރު ލިބިފައިވާ ކަމަށާއި އެ ތަނުގައި ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"ދަރުމަވަންތަ ސްކޫލުގައި ދަރިވަރުން ވަރަށް ޒަމާން ވަންދެން ވަރަށް ހާލުގައި ކިޔަވައިފި. އެތަން ހުރީ ވަރަށް ހާލުގައި. އެހެންވީމަ ދަރުމަވަންތަ ސްކޫލުގެ އާއިމާރާތުގެ މަސައްކަތް އަވަސްކުރަން މި އަންނަނީ މަސައްކަތް ކުރަމުން." ޑރ. އާއިޝާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާ ދަރުމަވަންތަ ސްކޫލުގެ ކުރެހުން ވެސް ނިމި މިހާރު ކުރިޔަށް ދަނީ ބަޔަކާ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް ކަމަށެވެ.
ތައުލީމީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ކުރިޔަށް ގެންދާ މަސައްކަތުގެ ދަށުން ސްކޫލުތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިޔަށް ގެންދަވާ ކަމަށާއި ސްކޫލުތަކުގައި ދޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި ދަރިވަރުންގެ އަދަދުވެސް ވަކި މިންގަނޑެއްގައި ހިފަހައްޓަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މިހާރު ބައެއް ސްކޫލުތަކުގައި 2000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އެބަދޭ. އެއީ އެކަށީގެންވާ އަދަދެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ގިނަވެގެން 800 އާއި 1000 އާ ދެމެދު އެ އަދަދު ހިފެހެއްޓުން." ޑރ. އާއިޝާ ވިދާޅުވި އެވެ.