ޚަބަރު

"އާސަންދައަށް ކުރާ ހަރަދުގެ ބޮޑުބައެއް ހޭދަވަނީ ބޭހަށް"

އާސަންދައަށް ކުރާ ހަރަދުގެ ބޮޑުބައެއް ހޭދަވަނީ ބޭހަށް ކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ފާހަގަކޮށްފިއެވެ.

ބަޖެޓު ރިޕޯޓުގައި ބޭހަށް ކުރާ ހަރަދު ފާއިތުވި އަހަރުތަކުގައި އިތުރުވެފައިވާ ކަމަށާއި ޖެނެރިކް ބޭސް ބޭނުންކުރެވޭ މިންވަރު މަދުވެފައި، ބޭހުގެ އަގުތައް ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

ބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު، ރާއްޖޭގައި އާންމުކޮށް ލިބެން ހުންނަ ބޭހުގެ އަގު 15 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ އަދަދަކަށް ބޮޑެވެ.

ބޭހުގެ އަގަށް ބަދަލު ގެނައުމަށް ބަޖެޓުގައި ހައްލެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ބޭހާއި އެހެނިހެން ކޮންޒިއުމަބަލްތަކަށް ކުރާ ހޭދަ ކުޑަކުރުމަށް އިންޓަނޭޝަނަލް ހޯލްސޭލްކުރާ ފަރާތްތަކާ ގުޅިގެން ބަލްކުކޮށް ގަތުމާއި، ޖެނެރިކް ބޭސް ޕްރޮމޯޓްކުރުމަށް ކޯ ޕޭމަންޓެއް ނަގަން ފެށުމެވެ.

މާލޭގެ ހޮސްޕިޓަލްތަކުގެ ހަރަދުތައް އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ހަރަދުތަކަށް ވުރެ ބޮޑު ކަން ވެސް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އައިޖީއެމްއެޗްގައި އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ހިދުމަތްތަކުގެ ޔުނިޓް ކޮސްޓު، ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކާ އަޅާބަލާއިރު 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރަށް ބޮޑުކަން ފާހަގަކޮށްފައިވެއެވެ.

ބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ސިއްހީ ދާއިރާއަށް ކުރެވޭ ހަރަދުގެ ނިސްބަތަށް ބަލާ އިރު، ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ ހަރަދު ކުޑައެވެ. ސިއްހީ ދާއިރާ ކުރިއަރާފައިވާ ގައުމުތަކުގައި ފަސް އިންސައްތައާއި ދިހަ އިންސައްތައާ ދެމެދުގެ އަދަދަކަށް ހަރަދުކުރާ އިރު، ރާއްޖޭގައި އެކަމަށް ހަރަދުކުރަނީ 1.1 އިންސައްތަ ކަން ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.

2019ގެ ބަޖެޓް – ސިއްހީ ދާއިރާގެ އިސްލާހީ މަސައްކަތުގައި ހިމެނިދާނެ ބައެއް ކަންކަން:

  • ބޭހާއި އެހެނިހެން ކޮންޒިއުމަބަލްތަކަށް ކުރާ ހޭދަ ކުޑަކުރުމަށް އިންޓަނޭޝަނަލް ހޯލްސޭލްކުރާ ފަރާތްތަކާ ގުޅިގެން ބަލްކުކޮށް ގަތުމާއި، ޖެނެރިކް ބޭސް ޕްރޮމޯޓްކުރުމާއި ކޯ ޕޭމަންޓެއް ނަގަން ފެށުން.
  • ހަރުދުތަކާއި ހިދުމަތްތައް ރޭޝަނަލައިޒް ކުރުމަށް ސްޓޭންޑަޑް ޓްރީޓްމަންޓް ގައިޑްލައިނެއް އެކުލަވާލައި ތަންފީޒުކުރުން.
  • މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމަކަށް އިންވެސްޓުކޮށް ޕްރޮކިއުމަންޓް އަދި އިންވެންޓަރީގެ ކަންކަން ބެލެހެއްޓުން މިހާރަށްވުރެ ހަރުދަނާކޮށް މި ކަންކަން އަންދާޒާކުރުމަށް ބޭނުންވާ ތަމްރީން ކަމާބެހޭ ފަރާތްތަކަށް ފޯރުކޯށްދިނުން.
  • އަތޮޅުތަކުގައި ދެވޭ ޕްރައިމަރީ ސިއްހީ ހިދުމަތްތައް ހަރަދު ކުޑަކުރެވޭނެ ފަދަ ގޮތަކަށް ރީފޯމްކުރުން.
  • މެދު އަދި ދިގުރާސްތާ އާސަންދަ ރޭޝަނަލައިޒްކުރުމުގެ ގޮތުން ކޯ ޕޭމަންޓުގެ ނިޒާމެއް ތައާރަފްކުރުމާއި، އާސަންދައިގެ ދަށުން ދެވޭ ބައެއް ހިދުމަތްތައް އުނިކުރުމާއި، ޕްރިމިއަމް ކޮންޓްރިބިއުޝަނެއް ތައާރަފްކުރުން.


އެފަދަ އިސްލާހުތަކެއް ކުރިއަށްއޮތް އަހަރުތަކުގައި ނުގެނެސްފި ނަމަ، އާސަންދަ ހިމެނޭ ގޮތުން ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ ހޭދައިގެ ކޮންޓްރޯލް ގެއްލި، ވަރަށް ބޮޑަށް އިތުރު ވެގެންދާނެ ކަމަށް ބަޖެޓު ރިޕޯޓުގައި ބުނެފައިވެއެވެ.