ވައިގެ މަގުން ބެންގަލޫރުން ރާއްޖެއައި އިންޑިއާގެ ދެ މީހެއްގެ އަތުން ބައި މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ރާއްޖެ އައި އުމުރުން 24 އަހަރު އަދި 23 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
އެ ދެމީހުންގެ އަތުން މަސްތުވާތަކެތި ފެނުނީ އެމީހުންގެ ލަގެޖު އެކްސްރޭ ކުރިއިރު، ފޮށި ތެރޭގައި އެއްޗެއް ފޮރުވާފައި ހުރިކަމަށް ފާހަގަކުރެވިގެން ބަލައި ފާސްކުރިއިރު އޭގެ ތެރެއިންނެވެ.
ކަސްޓަމްސް އިން ބުނީ، ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ. އަދި ދެ މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.1 ކިލޯ ހުރިއިރު އެތަކެތީގެ މަގުމަތީ އަގު 572،982 ރުފިޔާއަށް އަރާ ކަމަށެވެ.
އެ މައްސަލާގައި ޝާމިލުވާ މީހާ އާއި އަތުލައިގެން މަސްތުވާތަކެތި ކަސްޓަމްސް އިން މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.