ޚަބަރު

ހައިލަމަށް 200،000 ރުފިޔާ ދިނިން، އެއީ ދިން ލޯނެއް: އަލްހާން

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ދެ ލައްކަ ރުފިޔާ ދެއްވި ކަމަށާއި އެއީ އަނބުރާ ދައްކާ ގޮތަށް އޭނާ ނެންގެވި ލޯނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން އެގޮތަށް ވިދާޅުވީ، އޭނާއާއެކު ހައިލަމް ދެލައްކަ ރުފިޔާގެ މުއާމަލާތެއް ހިންގާފައިވާކަން ފުލުހުންގެ ބުނުމުން އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ފެށުމުން، އެކަން ސާފުކޮށްދެއްވުމަށް މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓެގު ކުރައްވާ އަލްހާން ވިދާޅުވީ، ހައިލަމް އަށް ދެ ލައްކަ ރުފިޔާ ދިނިން ކަމަށާއި އަދިވެސް ދޭނެ ކަމަށެވެ. އަދި އެކަމުގައި ޖޭއެސްސީއަށް ކުރެވޭނީ ކޮން ކަމެއްތޯ އޭނާ ސުވާލު ކޮށްފައިވެއެވެ.

އަލްހާން ވިދާޅުވި ގޮތުގައި، ހައިލަމަކީ އޭނާގެ ވަރަށް ގާތް އަދި ދުވަސްވީ ރަހުމަތްތެރިއެކެވެ. އަދި ހައިލަމަށް ދިން ދެ ލައްކަ ރުފިޔާ އަކީ ފަހުން އަނބުރާ ދޭ ގޮތަށް އޭނާ އަތުން ނެގި ލޯނެއް ކަމަށާއި އެ ފައިސާ ހައިލަމަށް ޓްރާންސްފާކޮށްފައި ވާނީ އޭނާގެ އެކައުންޓުން ކަމަށެވެ.

އަލްހާން އިތުރަށް ވިދާޅުވީ، ކްރިމިނަލް ކޯޓުގައި އޭނާ އަދި އާއިލާގެ އެއްވެސް މީހެއްގެ މައްސަލަ ވެސް ހައިލަމް ކުރިއަަކަށް ނުގެންދަވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވަން އޮތް ދުވަހު ސަސްޕެންޑު ކޮށްފައިވާ ހައިލަމަށް ތުހުމަތުކުރެވޭ ފައިސާގެ މައްސަލަ ބަލަން ނިންމި ސަބަބެއް ކަމަށް ޖޭއެސްސީން ބުނީ، އޭނާއަށް ތުހުމަތުކުރާ މައްސަލައަކީ ފަނޑިޔާރަކާ ގުޅިގެން ފާހަގަކޮށްފައިވާ ސީރިއަސް މައްސަލައެއްކަމަށްވާތީ ކަމަށެވެ.