ޚަބަރު

އަޔޯރާގެ ފުރިހަމަ މެމްބަރަކަށްވެ، އެ ޖަމިއްޔާގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޝާހިދު ޔޫއޭއީއަށް

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ސަމިޓުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.

އަޔޯރާއަކީ އިންޑިއާގެ ކަނޑާއި ގުޅިފައިވާ ގައުމުތަކުގެ ޖަމިއްޔާއެކެވެ. 1997 ވަނަ އަހަރުގެ މާޗް މަހު އުފެދުނު މި ޖަމިއްޔާ އުފެއްދުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރީ ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ 1995 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.

މިރޭ ޔޫއޭއީއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އަޔޯރާ އުފެދިގެން އައިއިރު އެ ޖަމިއްޔާގެ ކޮންސެޕްޓް އެކުލަވާލުމުގައި އޭރުގެ ހާރިޖީ ވަޒީރު ފަތުހުﷲ ޖަމީލުގެ ވަރަށް ބޮޑު ބައިވެރިވެވަޑައިގަތުމެއް އޮތް ކަމަށާއި އެ ޖަމިއްޔާއަކީ ފަތުހުﷲ ޖަމީލާއި އޮސްޓްރޭލިއާގެ އޭރުގެ ހާރިޖީ ވަޒީރު ގެރެތު އެވަންސްގެ މަޝްވަރާތަކެއްގެ މަތިން އުފެދިގެން އައި ޖަމިއްޔާއެއް ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަލާ އިރު، ރާއްޖެއަކީ އިންޑިއާ ކަނޑުގެ ހިތް، މެދުގައި އޮތް ގައުމެއް. އަޅުގަނޑުމެންގެ ހުރިހާ ކަމެއް ގުޅިފައި އޮތީ އިންޑިއާ ކަނޑާ. އިގުޞާދުގެ ހުރިހާ ކަމެއް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް، އަޅުގަނޑުމެންގެ މުޅި ދިވެހިރާއްޖެ ގުޅިފައި އޮތީ އިންޑިއާ ކަނޑާ. އަޅުގަނޑުމެންނަކީ ބިމުގެ ގޮތުން ކިތަންމެ ކުޑަ ގައުމެއް ކަމުގައިވިޔަސް، ކަނޑުގެ ސަރަހައްދުގެ ގޮތުން ވަރަށް ބޮޑު ދައުލަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންޑިއާ ކަނޑުގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު، އެއީ ވިޔަފާރީގެ ގޮތުން ކުރާ ކަމެއް ކަމުގައިވިޔަސް، އެއީ ސުލްހަ އާއި ބައިނަލްއަގުވާމީ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ކަމެއް ކަމުގައިވިޔަސް، އަދި ތިމާވެއްޓާ ގުޅުން އޮތް ކަމެއް ކަމަށްވިޔަސް އޭގެ ސީދާ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމަކީ ރާއްޖެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ގުޅުންތައް، ސަރަހައްދީ ގުޅުންތައް ވަރުގަދަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް މި ޖަމިއްޔާގައި ބައިވެރިވުމުގެ ފުރުސަތު މިހާރު މިވަނީ ލިބިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އަޔޯރާގެ މެމްބަރު ގައުމަކަށް ވުމަށް މިނިސްޓަރު ޝާހިދު ޑިކްލަރޭޝަނުގައި ސޮއިކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެއަށްފަހު ރާއްޖެއަށް އަޔޯރާގެ ފުރިހަމަ މެމްބަރަކަށް ވެވޭނެއެވެ. ރާއްޖެއަށް އަޔޯރާގެ މެމްބާޝިޕް ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ ކުރީކޮޅު ސައުތު އެފްރިކާގައި ބޭއްވި އެ ޖަމިއްޔާގެ ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ރާއްޖެއަށް މެމްބާޝިޕް ދިނުމަށް ވަނީ ނިންމައިފައެވެ.