ޚަބަރު

ސިވިލް ކޯޓުގެ ދެ ގާޒީއަކު ހައިކޯޓަށް އައްޔަންކުރަން ނިންމައިފި

ސިވިލް ކޯޓުގެ ގާޒީންގެ ގޮތުގައި ތިއްބެވި ހާތިފް ހިލްމީ އާއި ހުސެއިން މަޒީދު ހައިކޯޓަށް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެ ދެބޭފުޅުން ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ.

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާއެކު ނުވަ ފަނޑިޔާރުން ތިއްބަވާ ހައިކޯޓުގެ ބެންޗު 11 އަށް އިތުރު ކުރުމުން އުފެދިފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ ފުރުސަތުގައި 12 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލެއްވިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ ގޮތުގައި ސިވިލް ކޯޓުގެ ދެ ގާޒީން ކަމުގައިވާ ގ. ޑޭޒީފެހި ހާތިފް ހިލްމީއާއި މއ. ވޭސައިޑް ފްލެޓު 705 ހުސައިން މަޒީދު އައްޔަނުކުރުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް ބަދަލު ކުރަން ނިންމީ ހައިކޯޓުގެ ދެ ގޮފި ހެދުމަށްފަހު އެ ގޮފިތަކަށް ފަނޑިޔާރުން ބަދަލު ކުރުމުން މާލޭގެ ހައިކޯޓުގެ މައްސަލަތައް ނުބެލި ލަސްވަމުންދާތީއެވެ.