މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މާދަމާ ފަށަން ތާވަލުކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން އަދީބުގެ މައްޗަށް ދެން އުފުލާފައިވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.
މި ދައުވާތައް ކުރިމިނަލް ކޯޓުގައި ފެށުމަށް ހަމަޖެހިފައިވަނީ އެކު އެކީގައި މާދަމާ މެންދުރުފަހު 2:00 ގައެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތް އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި އަދީބުގެ މައްޗަށް އާ ދައުވާތަކެއް ކުރަން ކުރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވަމުން ބުނެފައިވަނީ، އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލީ 2014 އަދި 2015 ގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގާ ގުޅިގެންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކާއި އަދި އިތުރު ދެ މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް ކުރިން އިއްވިއެވެ. ނަމަވެސް އެ ދައުވާތައް ގޯސްކޮށް އުފުލާފައިވާ ކަމަށް ބުނެ ކޯޓުތަކުން ވަނީ އަދީބު މިނިވަންކޮށްފައެވެ.